ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން އިންތިހާއަށް މައްޗަށް ގޮސް، އަދި އިހްސާސް ކުރެވޭ ހޫނުމިން އާދަޔާ ހިލާފަށް މަތިވަމުންދާތީ، އޭގެ ސަބަބުން ސިއްހަތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކުގައި ވާގޮތުން، މި ދުވަސްވަރު އެންމެ ބޮޑަށް ހޫނު އިހްސާސް ކުރެވެމުން ދަނީ ވެރިރަށް މާލެ އާއި ހދ. ހަނިމާދޫގަ އެވެ. އެގޮތުން މާލޭގައި އިހްސާސް ކުރެވޭ ހޫނުމިން 38.6 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާއިރު، ހަނިމާދޫގައި މި މިންވަރު ވަނީ 38 ޑިގްރީ ސެލްސިއަސް އަށް އުފުލިފަ އެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މާހައުލު މިހާ ބޮޑަށް ހޫނުވުމަކީ އިންސާނާގެ ސިއްހަތަށް ކުރު މުއްދަތުގައްޔާއި ދިގު މުއްދަތުގައި ވެސް ނޭދެވޭ އަސަރުތަކެއް ކުރުވާނެ ކަމެކެވެ. އެގޮތުން ފެންނާނެ ކުރު މުއްދަތުގެ އުނދަގޫތަކުގެ ތެރޭގައި:

  • ލޮލުން ދިލަނަގައި ހިރުވުން
  • ގައިން ވަރުދޫވެ ވަރުބަލިވުން
  • ހަށިގަނޑުން ފެން މަދުވުން (ޑީހައިޑްރޭޝަން)
  • ބޮލުގައި ރިއްސުމާއި އެނބުރުން އެރުން
  • ހަމުގައި ބިހިތައް ނެގުން

މީގެއިތުރުން، ހޫނުގަދަވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ހާލަތްތައް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ. އޭގެ ތެރޭގައި ހީޓް އެގްޒޯސްޝަން އަދި ހީޓް ސްޓްރޯކް ޖެހުމާއި، ހޭނެތުން ނުވަތަ ވާނުވާ ނޭނގޭ ހާލަތަށް ދިއުން ހިމެނެ އެވެ. އަދި ހިތާއި، ފުއްޕާމެޔާއި، ކިޑްނީގެ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ބަލިހާލަތު މިފަދަ ދުވަސްވަރެއްގައި އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

ހީޓް ސްޓްރޯކް ޖެހުމުން ފެންނާނެ މައިގަނޑު އަލާމާތްތައް:

  • އެނބުރުން އެރުން ނުވަތަ ހޭނެތުން
  • ހަށިގަނޑުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިއުން
  • ހަންގަނޑު ރަތްވެ، ހޫނުވުން (ހަންގަނޑު ހިކިފައި ހުރުން)
  • ވިންދު އަވަސްވުން

ހީޓް ސްޓްރޯކެއް ޖެހިއްޖެނަމަ އަޅަންޖެހޭ ކުއްލި ފިޔަވަޅުތައް:

  • ވަގުތުން އެމަޖެންސީ ނަންބަރަށް ގުޅައި ސިއްހީ އެހީތެރިކަން ހޯދުން.
  • އެމީހަކު ވަގުތުން ފިނި އަދި ހިޔާ ތަނަކަށް ނުވަތަ އޭސީ ކޮށްފައިވާ ކޮޓަރިއަކަށް ބަދަލުކުރުން.
  • ހަށިގަނޑު ފިނިކުރުމަށްޓަކައި ބޭރުން ލާފައިވާ އިތުރު އަންނައުނުތައް ބޭލުން.
  • ތެތް، ފިނި ފޮތިގަނޑެއް ނުވަތަ ތުވާއްޔެއް ހަށިގަނޑުގައި އެޅުން.
  • އެމީހާގެ ހާލަތަށް ވަރަށް ބޮޑަށް ސަމާލުވެ، ފަރުވާ ލިބެންދެން ހާލަތު ބެލެހެއްޓުން.

މި ދުވަސްވަރު ގަދަ އަވީގައި ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށާއި، ކަރުހިއްކުން ނުފިލި ނަމަވެސް ގިނަގިނައިން ފެން ބުއިމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފަ އެވެ. އަދި ހޫނުން ރައްކާތެރިވުމަށް ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފަ އެވެ.