އަންނަ ހޯމަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ބޭރަށް ދަތުރުކުރާ މީހުން 5،000 ޕައުންޑުން ޖޫރިމަނާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
"އެކަށީގެންވާ ސަބަބަކާ" ނުލާ ޗުއްޓީ ހޭދަކުރުމަށް ބޭރު ގައުމުތަކަށް ދަތުރު ކުރާ މީހުން ޖޫރިމަނާކުރުން ޖޫން މަހާ ހަމައަށް ކުރިޔަށް ގެންދަން ވަނީ ނިންމައިފަ އެވެ. ގައުމުން މިގޮތަށް އަމަލުކުރަން ނިންމީ ޔޫރަޕުގެ ގައުމުތަކުގައި ކޮވިޑްގެ ތިންވަނަ ރާޅަކާ ކުރިމަތިލަމުން ދާތީ އެވެ.
އިނގިރޭސިވިލާތުން ވަނީ މި ހަފުތާގެ ފަހުކޮޅު ފްރާންސް "ރަތް ލިސްޓް"ގެ ތެރޭގައި ހިމަނަން ނިންމާފައި ކަމަށްވެ އެވެ. އަދި ރަތް ލިސްޓްގެ ތެރޭގައި ހިމެނޭ ގައުމުތަކުން ދަތުރުކުރާ މީހުން ހޮޓެލްތަކުގައި ކަރަންޓީން ވާންޖެހެ އެވެ.
އިނގިރޭސިވިލާތުގެ ސިއްހީ މާހިރުން ވަނީ ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ ވޭރިއަންޓް ފެތުރިގެންދާނެ ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކަރަންޓީން ނުވެ ދަތުރުކުރުމުގެ ހުއްދަ އޮގަސްޓްގެ ކުރިން ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.
"ޓްރެފިކް ލައިޓް" ސިސްޓަމެއްގެ ދަށުން "ގްރީން" ގައުމުތައް ނުވަތަ ރައްކާތެރި ގައުމުތަކުން ކަރަންޓީން ނުވެ ޔޫކޭއަށް އެނބުރި އާދެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް އަންނަނީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ސަރުކާރުން އަދި މިކަމަށް ވަކި ގޮތެއް ކަނޑަ އަޅާފައިނުވެ އެވެ.
ޔޫރަޕުގައި ވެކްސިންދިނުން ލަސްވުމާ ގުޅިގެން އިނގިރޭސިވިލާތުގެ މީހުން ގިނައިން ދަތުރުކުރާ ގައުމުތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރުމަކީ ދުރުގައި އޮތްކަމެކެވެ.
އިނގިރޭސިވިލާތުގެ މީހުން ނޫން ދަތުރުވެރިންނަށް ޔޫކޭއަށް ދަތުރު ކުރުން ވަނީ މަނާ ކޮށްފަ އެވެ. އަދި ސީދާ ފްލައިޓްތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.
މިހާތަނަށް 35 ގައުމެއް އިނގިރޭސިވިލާތުގެ "ރަތް ލިސްޓް"ގައި ހިމެނެ އެވެ. މީގެ ތެރޭގައި ދެކުނު އެމެރިކާ، ދެކުނު އެފްރިކާ، ޔޫއޭއީ އަދި ގަތަރު ހިމެނެ އެވެ. މިދިޔަ ހަފްތާގައި ޕޯޗުގަލް ވަނީ މި ލިސްޓުން ނަގާފަ އެވެ.
ޗެނަލް އައިލެންޑްގެ އާންމު ހިސާބުތައް ކަމަށްވާ އައިލް އޮފް މޭން އަދި ރިޕަބްލިކް އޮފް އަޔާލޭންޑަށް ދަތުރުކުރުން ވަނީ ހުއްދަކޮށްފަ އެވެ.
އިނގިރޭސިވިލާތުން މިހާރު ވަނީ މާޖާކުރުމުގެ މަގުސަދުގައި ދަތުރުކުރުން މަނާކޮށްފަ އެވެ.
އެ ގައުމުން ބޭރަށް ދަތުރު ކުރުމަށް ހުއްދަ ދެވޭނީ ކިޔެވުމަށް، ވަޒީފާއަށް ނުވަތަ ގާނޫނީ ޒިންމާއެއް އަދާކުރުމަށެވެ. އަދި މީގެ އިތުރުން ކައިވެނި، އަދި މީހަކު ވިހެއުމަށް ނުވަތަ މީހަކު މަރުވެގެން ޖަނާޒާގައި ބައިވެރިވުމަށް ވެސް ދަތުރު ކުރުމަށް ހުއްދަލިބެ އެވެ.