އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައީ އުމުރުގެ ވަކި ހިސާބަކުން ހަށިގަނޑު ހިރުވައި، އެއްވެސް ސަބަބަކާއި ނުލައި ކެއްސަން ފެށި ހިސާބުން. ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓުތަކުން ކެންސަރު ބަލި ހުރިކަން ފާހަގަވި. ހިތްވަރުކޮށްފައި ފަރުވާއިގެން ކުރިއަށް ދިޔަ. ތިން އަހަރު އެކަމުގައި ހޭދަ ކުރުމަށްފަހު މިއަދު އޭނާއަކީ އެކަމުން ސަލާމަތްވެފައިވާ މީހެއް. ނަމަވެސް އަދިވެސް ފޮލޯއަޕް ހަދާ. އަދި ލައިފްސްޓައިލަށް ގެނައި ބަދަލު އަންނަނީ ދަމަހައްޓަމުން. ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް މިއަދު ފާހަގަކުރާއިރު އެ ބަލީގެ ވޭން ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ވާހަކަ އަޑު އަހައިލުމަކީ އެފަރާތްތަކަށް އަޅާލާ އޯގާތެރިކަން ފޯރުކޮށްދިނުމަށް އެޅޭ ބާރަކަށްވާނެ.

އެއީ މީގެ ތިން އަހަރު ކުރި އެވެ. އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައީ ލޭގެ ކެންސަރުގެ ވައްތަރެއް ކަމައްވާ "ހޮޖްކިން ލިމްފޯމާ" ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުނުމުންނެވެ. އާންމުކޮށް ބޮޑު ބައްޔެއް ހުރިކަން ދެނެގަނެވޭ ހިސާބުން ގިނަ މީހުން، ބޮޑު ހިތާމައެއްގެ ތެރެއަށް ގެނބިގެން ދިޔަ ނަމަވެސް، އޭނާގެ ތަޖުރިބާ ތަފާތެވެ. އެ ބަލިން ސަލާމަތްވުމަށް އޭނާ ކުރީ އުނދަގޫ ދަތުރެކެވެ.

ޏ. ފުވައްމުލަކަށް އުފަން ނުސްރާ މުހައްމަދު (ނުސްރާ) އަކީ ކުރިން ޑިޕްރެޝަންއަށް ފަރުވާ ކުރަމުން ބޭސް ވެސް ބޭނުންކުރަމުން ދިޔަ މީހެކެވެ. ކުޑަ ދެކުދިން ބަލަމުން ހުސް ވަގުތުތަކުގައި ކޮންމެވެސް ވަރަކަށް ފެހުމުގެ މަސައްކަތް ވެސް އޭނާ ކުރެ އެވެ. ނުސްރާގެ އުމުރުން 31 އަހަރު ފުރުމަށްފަހު އޭނާގެ ހަށިގަނޑުން ތަފާތު ކަންތައްތަކެއް ފާހަގަވާން ފެށި އެވެ. ފުރަތަމަ ހަށިގަނޑުގެ އެކި ދިމާ ހިރުވަން ފެށި އެވެ. ހިރުވުން ނުފިލާ އުޅެނިކޮށް ރޯގާ ޖެހުމާނުލައި ކެއްސަން ފެށި އެވެ.

ކެންސަރުގެ ސަބަބުން ނުސްރާއަށް ބޮޑު ބަދަލެއްއައި: މިއީ އެންމެ ބޮޑަށް ބަލިވެ އޮވެ ނެގި ފޮޓޯއެއް

"ކެއްސާއިރު ހީވަނީ އެތެރެ ހަށީގައި ވަރަށް ބޮޑަށް އަރުދަފުސް ހިފާފައި ހުންނަހެން.. ފަހުން ކަރު ތެރެއިން ނުބައިވަސް ވެސް ދުވަން ފެށި. ކެއްސާގަޑީގައި ފީލްވަނީ މިހުންނަނީ ވަރަށް ބޮޑަށް ރޯގާ ޖެހިފައޭ. ނުކެއްސާނަމަ ހަމަ ނޯމަލް،" ނުސްރާ ކިޔައިދިނެވެ.

އޭނާގެ ހަށިގަނޑަށް ދިމާވަމުންދާ އުނދަގޫތައް ރަނގަޅު ނުވެ ދިގުލާތީ ފުވައްމުލަކު ހޮސްޕިޓަލަށް ދެއްކުމުން، ލޭގެ ޓެސްޓެއް ހަދައި ގޯހެއް އުޅޭކަން ފާހަގަވެގެން އެންޓިބައޮޓިކްސް ފެށި އެވެ. ބޭސް ބޭނުންކުރުމަށްފަހު ވެސް ރަނގަޅު ނުވުމުން އަނެއްކާ ވެސް ޑޮކްޓަރަށް ދެއްކި އެވެ. މިފަހަރު ލޭގެ ޓެސްޓެއް ތަކުރާރު ކުރި އެވެ. އެ ޓެސްޓުގެ ނަތީޖާ ދެއްކީ ހަށިގަނޑުގައި އިންފެކްޝަނެއް އުޅޭ ކަމަށެވެ. ޑޮކްޓަރު އަނެއްކާ ވެސް އެންޓިބައޮޓިކްސް ލިޔެދިނެވެ.

މިފަހަރު ވެސް ބޭސް ބޭނުންކޮށް ރަނގަޅު ނުވުމުން ޑޮކްޓަރުގެ އެންގެވުމުގެ މަތިން އެކްސްރޭއެއް ނެގި އެވެ. އެކްސްރޭ ބަލާފައި ފުއްޕާމެއާއި ދިމާލުން މޭމަތީގައި ހަރުއެއްޗެއް އުފެދެމުންދާ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް ނުސްރާ ބުންޏެވެ. އަދި އެ ގަނޑު އިތުރަށް ދެނެގަތުމަށް ސްކޭނެއް ހެދުމުން އޭގެ ހަގީގަތް ސާފުނުވާތީ މާލެ ގޮސް ސީޓީ ސްކޭނެއް ހަދާފައި ފުއްޕާމޭގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެރަށު ޑޮކްޓަރު ލަފާދެއްވި އެވެ.

މާލެއައިސް ސީޓީސްކޭން ހެދުމަށްފަހު، ރިޕޯޓް ދެއްކީ ފުއްޕާމޭގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު އިސްމާއިލް އަށެވެ. އެ ޑޮކްޓަރު އެންގީ އައިޖީއެމްއެޗްގައި ބައޮޕްސީއެއް ހެދުމަށާއި ވީހާވެސް އަވަހަށް ފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ.

ނުސްރާ ފޮޓޯއަކަށް ހުއްޓިލައިގެން: ކެންސަރުގެ ސަބަބުން ޑިޕްރެޝަންއިން ސަލާމަތްވި

އެނާ ދެން ފުރައިގެން ދިޔައީ އިންޑިއާގެ ކޮޗިންއަށެވެ. ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގައި ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުން އެނގުނީ ލޭގެ ކެންސަރު ޖެހިފައިހުރި ކަމަށާއި، އަދި ހުރީ ހަތަރުވަނަ ސްޓޭޖްގައި ކަމަށެވެ. އެއީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހެވެ.

"ވަރަށް ސަކަރާތްވި ފުރަތަމަ އިނގުނު ހިސާބުން. ސީޓީ ސްކޭންގެ ނަތީޖާ އެންގުމުން ވެސް ވަރަށް ދެރަވި. އެއްވެސް އެއްޗެއް ނުކެވިދިޔަ ދުވަސްކޮޅަކު. ވަރަށް ފިކުރުވެސް އޭރު ކުރެވޭ. ކެންސަރު ހުރި މަރުހަލާއަށާއި އޭގެ ބާވަތަށް ރިއާޔަތްކޮށް ޑޮކްޓަރު ވިދާޅުވި ބަލިފަސޭހަ ކުރެވިދާނެޔޭ،" ނުސްރާ ކިޔައިދިނެވެ.

ބަލި ދެނެގަނެވުމާއެކު ކެންސަރަށްދޭ ފަރުވާ ފެށުނެވެ. ގާތްގަނޑަށް 10މަސް ދުވަސް ވަންދެން ކީމޯތެރަ އާއި ރޭޑިއޭޝަން ތިރަޕީދެވުނެވެ. ފަރުވާ ފެށުމާއެކު ކުރިން އަނގައިންދުވި ނުބައި ވަސް ކެނޑުނެވެ.

"ވަރަށް ވަރުބަލިވޭ. ކީމޯއަށްފަހު ގައިގައި ނުހުރޭ އެއްވެސް ވަރެއް. ފުރަތަމަކޮޅު ކާއެއްޗެހި ވެސް ނުބައިވި. އެކަމަކު ފަސްވަރަކަށް ދުވަހުގެ ތެރޭގައި އެކަން ރަނގަޅު ވާންފެށި،" ނުސްރާ ބުންޏެވެ.

ނުސްރާ ކީމޯ ނެގިއިރު:ސްޓީރޮއިޑްގެ މަތީޑޯޒެއް ނެގުމުގެ ސަބަބުން މީހާ ވަރަށް ބޮޑަށް ދުޅަވި

ބާރުގަދަ ކީމޯދީގެ އޭނާގެ މުޅި ހަށިގަނޑަށް އޭގެ އަސަރު ކުރަމުން ދިޔަނަމަވެސް، ފުރަތަމަ ކޮޅު ހެދި ޓެސްޓްތަކުން މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. އެހެން ނަމަވެސް އިތުރު ހިތްވަރެއް ލާން އޭނާ ބޭނުންވި އެވެ.

"ފުރަތަމަ ޓްރައި [މަސައްކަތް] ކުރި ކީމޯ ދީގެން ރަނގަޅެއް ނުވޭ... ކޮންމެ ފަހަރަކުވެސް ޑޮކްޓަރު ވިދާޅުވަނީ ޕާޝަލީއޭ (ދެބައި ކުޅައެއްބައި) ކީމޯ ވާކް ކުރަނީ. އެއީ އެމީހުން އެބަލާ މިންގަނޑަށް ނުފެތޭތީ. އެހެން ނަމަވެސް ރަނގަޅުވޭތޯ ކީމޯ ސެޝަންތައް ކުރިއަށް ގެންދިޔައީ. ފަރުވާ ފެށުނު ފަހުން އަޅުގަނޑުވެސް އެއްކޮށް ހަމައަކަށް އެޅުނު،" ނުސްރާ ކިޔައިދިނެވެ.

ބާރުގަދަ ކީމޯތެރަޕީ ސެޝަންތަކަށްފަހު، ކުރިން ހަށިގަނޑުން ފެނިފައިވާ ޓިއުމާތައް(ގަނޑު)، ކުޑަވަމުން ދިޔަކަމަށް ޓެސްޓްތަކުން ދެއްކި ކަމަށް އޭނާއަށް ބޭސްކުރަމުންދިޔަ ޑޮކްޓަރު ބުންޏެވެ.

"އެ ދުވަސްވަރަކީ ދުނިޔޭގައި ކޮވިޑްގެ ވަބާ ފެތުރެމުން ވެސް ދިޔަ ދުވަސްވަރު. ކިމޯގެ ތިންވަނަ ބުރަށް ފެށިތަނާ އަޅުގަނޑަށް ކޮވިޑް ޖެހުނު. ދެން ކީމޯސެޝަން ހުއްޓާލައިފައި އެ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީގައި ހަ ދުވަހު އެއްވެސް އެހީތެރިއެއް ނެތި އެކަހެރިކޮށް އޮންނަންޖެހުނު. ކޮވިޑް ރަނގަޅުވުމުން ދެން އަނެއްކާ ވެސް ކީމޯކުރިއަށް ގެންދިޔައީ،" އޭނާ ބުންޏެވެ.

ނުސްރާ ފޮލޯއަޕް ހެދިދުވަހަކު ފޮޓޯއަކަށް ހުއްޓިލައިގެން؛ ކޮވިޑް ފެސިލިޓީގައި ހަ ދުވަހު އެއްވެސް އެހީތެރިއެއްނެތި އެކަހެރިކޮށް އޮތް

ކީމޯއަށްފަހު ރޭޑިއޭޝަންގެ 25 ސެޝަން ނެގި އެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން ދެމަސްފަހުން ކުރި ޓެސްޓުން ދެއްކީ ޓިއުމާ ކުޑަވަމުންދާކަމެވެ.

"އެންމެ ފަހުން ދެއްކި ފަހަރު ޑޮކްޓަރު ވިދާޅުވީ މިހާރު ތިހިރީ ބަލި ކޮންޓްރޯލް ކުރެވިފައޭ. މިހާރު މިހިރީ ފޮލޯއަޕްގައި. ފުރަތަމަ ފޮލޯއަޕް ހެދީ ތިން މަހުން ތިން މަހުން. މިހާރު ހަދަންޖެހެނީ ހަ މަހުން،" އޭނާ ބުންޏެވެ.

ނުސްރާ ކުރިން އެބައްޔަކަށް ބޭސްކުރަމުން ދިޔަ ޑިޕްރެޝަން ވެސް، ކެންސާ ބައްޔަށް ފަރުވާ ކުރުމުގެ ތެރެއިން ރަނގަޅުވިކަމަށް ވެސް އޭނާ ބުންޏެވެ.

"ވެދާނެ ދީނީ ކަންކަމުގައި މާބޮޑަށް އުޅެވުނީތީ ވީކަމެއް ކަމަށް. ޑިޕްރެޝަން ހަމަ އެއްކޮށް ފިލާދިޔަ. މިހާރު ދޭތެރެއަކުން ބައެއް ފަހަރު ހާސްވާ ކަހަލަ ގޮތެއްވޭ. ހީވަނީ ހާޓްއެޓޭކެއް ޖެހެނީހެން. ދެން ހޮސްޕިޓަލަށް ގޮސް ޗެކް ކޮށްލުމުން ހުރިހާކަމެއް ވެސް ރަނގަޅުކަމަށް ދައްކާ،" ނުސްރާ ބުންޏެވެ.

ކީމޯދޭން ބޭނުންކުރި އާލާތް: ކީމޯ ނެގުމަށްފަހު ވަރަށް ވަރުބަލިވޭ

ނުސްރާގެ ނަސޭހަތް

ނުސްރާ ދެކޭގޮތުގައި ކެންސަރުފަދަ ބައްޔެއް ޖެހުމުން، އެކަން ސިއްރު ކޮށްގެން އުޅުމަށް ވުރެ، އެންމެ ރަނގަޅު ގޮތަކީ އެހެން މީހުންނަށް އެވާހަކަ ކިޔައިދިނުމުވެ. އެއީ ކިޔައިދިނުމުގައި ފަރުވާއެއްވާކަން އޭނާއަށް ގަބޫލުކުރެވޭތީ އެވެ. ކެންސާ ސޮސައިޓީގެ ފަރާތުން ކުރިއަށް ގެންދާ ސަޕޯޓް ގްރޫޕް ސެޝަންސްއިން ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށާއި އެއީ ފަރުވާގެ މުހިންމު ބައެއްކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެހެން މީހުން ހޭލުންތެރި ކުރެވޭނީ އެ ވާހަކަ ދައްކައިގެން. އެވާހަކަ އެހެން މީހުންނާ ހިއްސާކުރުމުން އެކަކު އަނެކަކާއި ދޭތެރޭ އޮންނަ ގުޅުން ވަރުގަދަވާނެ. އަދި ބަލިމީހާގެ ތަޖުރިބާތަކާއި، އިހްސާސްތަކާއި އަދި ބަލީގައި ތަހައްމަލްކުރާ ކަންކަން އެހެން މީހުނަށް އަންގައި ދެވޭނީ އެވާހަކަ ހިއްސާކުރުމުން ...،" ނުސްރާ ބުންޏެވެ.

ނުސްރާގެ ބަރުދަން އިތުރުވެފައި ހުރިއިރު ފޮޓޯއަކަށް ހުއްޓިލައިގެން:ބަރުދަން ލުއިކުރަން ލައިފްސްޓައިލަށް ބޮޑެތި ބަދަލުތަކެއް އޭނާ ގެނައި

މިއަދު ބަލިން ރަނގަޅުވެ ފޮލޯއަޕް ހަދަމުންދާ ނުސްރާ އަދިވެސް ދަނީ ޑޮކްޓަރުން އިރުޝާދު ދެއްވި ގޮތަށް އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ބައްޓަން ކުރަމުންނެވެ. ޚާއްސަކޮށް އޭނާގެ ލައިފްސަޓައިލަށް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. ބަރުދަން ލުއިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އޭނާގެ މިހާރުގެ ބަރުދަނުން ވެސް ވަރަށް ރަނގަޅަށް ސާފުވެ އެވެ.

ނުސްރާގެ ހަށިގަނޑުން ކެންސަރު ބަލި ފެނުނުއިރު ބަރުދަނަކީ 82 ކިލޯ އެވެ. މިހާރު ހުރީ 63 ކިލޯ އެވެ. އެ ބަދަލު ގެނައުމަށްޓަކައި ކަސްރަތުކޮށް "މިންހެޔޮކޮށް" އޭނާ ކެއުން ގެންގުޅުނެވެ. އެ ބަލިން ސަލާމަތްވުމަށް ނުސްރާ ކުރި އުނދަގޫ ދަތުރުގައި ދެއްކި ހިތްވަރަށް ސާބަހެވެ.