ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބާރެއް ނެތްކަން ހާމަވެގެން ހިނގައްޖެ އެވެ.
މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު އިދިކޮޅު އެމްޑީޕީގެ މެންބަރުން ގެންދެވީ އިހުތިޖާޖު ކުރައްވަމުންނެވެ.
އެއާއެކު މަޖިލިސްގެ ރިޔާސަތުގައި އިއްނެވި އަބްދުއްރަހީމް ގެންދެވީ ދުރުގައި އިންނެވި މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމްގެ އެންގެވުންތަކަށް ބައްލަވަމުންނެވެ.
މަޖިލީހުގެ ޖަލްސާ ލައިވްކޮށް ކުރިއަށް ގެންދިޔައިރު ފެނުނީ އިދިކޮޅުން އިހުތިޖާޖުކޮށް އަޑުގަދަ ކުރައްވަން ފެއްޓެވުމުން ޖަލްސާ މެދުކަނޑާލުމަށް ޖަލްސާގެ ހާޒިރީންގެ ގޮނޑިކޮޅުގައި އިންނެވި ނާޒިމް އިޝާރާތުން ރިޔާސަތަށް އަންގަވަމުން ގެންދެވި މަންޒަރެވެ. އަދި ހަމަ އެއާއެކު މަޖިލިސް ރައީސްގެ ސަމާލުކަން ނައިބު ރައީސް ނާޒިމްއަށް ދެއްވަމުންދިޔަ މަންޒަރު ފެނިގެން ދިޔަ އެވެ.
އޭގެ ފަހުން ވެސް ފެނިގެން ދިޔައީ އަބްދުއްރަހީމް ވަކިގޮތެއް ނިންމަވަން ފަސްޖެހި ވަޑައިގެން އިންނެވި މަންޒަރެވެ. އިރުކޮޅަކުން މަޖިލިސް ރައީސްގެ ފޯނަށް މެސެޖެއް ނުވަތަ ކޯލެއް އަންނަމުން ދާތީ އެކަމަށް ސަމާލުކަންދެއްވި މަންޒަރު ވެސް ފެނިގެން ދިޔަ އެވެ.
އެއާއެކު ނާޒިމް އަތުގެ އިޝާރާތުން ކޮންމެވެސް އެއްޗެކޭ ބުނާ މަންޒަރު ފެނެ އެވެ. ބެލެވޭ ގޮތުގައި ބަޔާން އިއްވުން މެދު ކަނޑާލައި، ރައީސް އިށީންނެވުމަށް އެންގެވީ އެވެ. އެ ހާހިސާބުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ރައީސް މުއިއްޒު އަރިހުން އެއްޗެއް އައްސަވާ މަންޒަރު ފެނިގެން ވެސް ދިޔަ އެވެ. ރައީސް މުއިއްޒު ވިދާޅުވި އެއްޗެއް ވިދާޅުވުމުން އަނެއްކާވެސް އަބްދުއްރަހީމް ނާޒިމްއަށް ބަލަހައްޓަވައިގެން އިންނަވާ ނިންމަވާލަންވީތޯ އަތުގެ އިޝާރާތުން އެއްްސެވި އެވެ.
މަޖިލިސް މެދުކަނޑާލީ ނާޒިމް އިޝާރާތުން އެންގެވުމުންނެވެ.
މިއަދު ފެނުނު މަންޒަރުތަކުން މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ކޮންޓްރޯލް މަޖިލީހުގައި ގެއްލި ނާޒިމްގެ އެންގެވުމާ އެއްގޮތަށް ކަންކަން ކުރައްވަން ޖެހިވަޑައިގަތްކަން ވަނީ ހާމަވެފަ އެވެ.
މިއަދުގެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުން ރޭ ބޭއްވި ބައްދަލުވުމުގައި ވެސް އަބްދުއްރަހީމް ބައިވެރިނުކޮށް ރިޔާސަތު ބެލެހެއްޓެވީ މަޖިލިސް ނައިބު ރައީސް ނާޒިމް އެވެ.