ރަސްމާލެ ހިއްކަން ހަވާލުކުރި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އަށް 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ) ގެ ބަދަލެއް ދޭން ޖެހުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތުން ދައުލަތަށް ގެއްލުންވެ، ބިންހިއްކަން ކުރިން ހަވާލުކުރި ސީއެމްސީސީއަށް ބަދަލުދޭން ޖެހުނީ ރައީސް މުއިއްޒުގެ ސަބަބުން ކަމަށެވެ.

ޑިސެމްބަރު 2023 ވަނަ ދުވަހު ސީއެމްސީސީން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށި އެވެ. ސީއެމްސީއާ އެ މަސައްކަތް ހަވާލުކުރީ ބިން ހިއްކުމުގެ ބަދަލެއްގެ ގޮތުން ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރު ފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިމުގެ ޑިވެލޮޕްމަންޓް ރައިޓްސް 99 އަހަރަށް އެ ކުންފުންޏަށް ދޭ ގޮތަށެވެ.

މިފަދަ އެއްބަސްވުމެއް ހެދީ ދައުލަތުން އެއްވެސް ފައިސާއެއް އެ ކުންފުންޏަށް ނުދީ އެކަން ކުރުމަށް ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެކަމު އާހިރުގައި ކަންވެގެންދިޔަ ގޮތަކީ އެއްބަސްވިގޮތަށް ބިން ހިއްކިފައެއް ވެސް ނުވެ އެވެ. އަދި 21 މިލިއަން ޑޮލަރުގެ ބޮޑު ބަދަލެއް ރައްޔިތުންގެ ޓެކްސް ފައިސާދިން އެ ކުންފުންޏަށް ދޭން ޖެހުނީ އެވެ.

އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދޭން ނުޖެހޭނެ ކަމަށް ހަރުއަޑުން ރައީސް މުއިއްޒު ދެއްކި ޔަގީންކަމުގައި އެއްވެސް އަގެއް ނެތުނީ އެވެ.

އެ ކުންފުންޏަށް ބަދަލުދޭ ވާހަކަ ސަރުކާރުން އުޅެނީ ސިއްރުކޮށްގެންނެވެ. ނޫސްތަކުގައި އެ ވާހަކަ ރިޕޯޓްކުރުމުން އެ ކުންފުނިން އެކަން ދޮގުކުރި އެވެ. ނަމަވެސް "ހުރިހާ" އަށް ކަށަވަރުވެފައިވާ ގޮތުގައި ސަރުކާރާއި އެ ކުންފުންޏާ ދެމެދު ކުރެވުނު މަޝްވަރާތަކަކަށްފަހު އެ ކުންފުންޏަށް 21 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ވަނީ ނިންމާފަ އެވެ.