"ދިވެހީންގެ ރާއްޖޭގެ ވެރިކަން ބަލާފަ އަންނަން ދާން" މިއީ ލަވައިގެ ނަމެވެ. ލަވަ ހެއްދެވި ކަމަށް ވަނީ އާމިރު ސަލީމެވެ. އާމިރުއަކީ ރާއްޖޭގައި އުފެދުނު މަޝްހޫރު ޅެންވެރިއެއް ކަމަށްވާ މަރުހޫމް ހޯރަފުށީ އާދަމް ސަލީމްގެ ބޭފުޅެކެވެ. ސަލީމަކީ "ފަޚުރުވެރި ކިއުބާ ދަތުރުފުޅު" ފަދަ މަޝްހޫރު ގިނަ ލަވަތަކެއްގެ ޝާއިރެވެ.

ދިވެހީންގެ ރާއްޖޭގެ ވެރިކަން ބަލާފަ އަންނަން ދާން، ލަވަ ހައްދަވާފައި އޮތީ ރާއްޖޭގައި މަޝްހޫރު ލަވައެއް ކަމަށްވާ ކެޔޮޅާ ބޭބޭ ދޫންޏާގެ ރާގަށެވެ. އެ ލަވައަކީ ރާއްޖޭގެ މަސްވެރި އުޅަނދު ފަހަރުގައި އިންޖީނު އެޅި ޒަމާނުގެ ލަވައެކެވެ. އިންޖީނު ދޯނީގެ ތައާރަފާއި އިންޖީނުގެ ބައިތަކާ ބެހޭ ގޮތުން ދިވެހިން ހޭލުންތެރިކުރުމުގައި އެލަވައިން ވަރަށް މުހިންމު ރޯލެއް އަދާކުރި ކަމަށްވެ އެވެ.

ކޮއްކޯ ބޭބޭ ދޫންޏާ ހިނގާށެ ދެކިލަން ދާން،

ދިވެހީންގެ ރާއްޖޭ ވެރިކަން ބަލާފަ އަންނަން ދާން'

ޅެންވެރިޔާ ވިދާޅު ވަނީ މި ގައުމުގައި ދިވެހީންގެ ރާއްޖޭގެ ނަމުގައި ކުރަމުންދާ ވެރިކަން ހިންގާ ގޮތް ބަލާލަން ދަމާ ހިނގާށެވެ. އެކަމަށް ދައުވަތު ދެއްވަނީ ކުދި ބޮޑު އެންމެ ކަތުންނަށެވެ. އެއީ ދިވެހި އެންމެހާ ފަރުދުންގެ ހައްގެކެވެ. ވެރިކަން ހިނގާ ގޮތް ގާތުންނާ ދުރުން ބެލުމަކީ ކޮންމެ މީހަކު ވެސް ކުރަން ބޭނުންވާނެ ކަމެކެވެ.

ކެޔޮޅާ ބޭބޭ ދޫންޏާގައި މިނިކާ ރާއްޖޭ ގަސްކަރަ ބަލާލަން ގެންދާ ފަދައިން ދިވެހިންގެ ރާއްޖޭގެ ޅެމުގެ ޝާއިރު ދިވެހިން ގެންދަވަނީ ވެރިކަމުގެ އެތެރެ ކޮއިލަށެވެ. އެތަނުގައި ހިނގަމުންދާ ކަނަތައްތައް ތިލަކޮށް ދެއްވުމަށެވެ.

ލަވައިގެ ފުރަތަމަ ކަޑީގައިވާ ގޮތުން ދިވެހީންގެ ރާއްޖޭގެ ވެރިކަމުގައި ވައުދުތަކެއް ނުފުއްދެ އެވެ. ހެއްކެއްގެ ގޮތުގައި ވިދާޅު ވަނީ ފްލެޓެއް ގޯއްޗެއް ނުދެވުމެވެ. އެއީ ވެރިކަމުގެ ފަރާތުން ވައުދުވެފައިވާ ކަންތައްތަކެވެ. ދެން ވިދާޅުވަނީ ފްލެޓާއި ގޯތީގެ ލިސްޓާ ކުޅެކުޅެ ގަޑުބަޑު ކުރި ވާހަކައާއި އެންމެ ފަހުން އޭގައި ހުޅު ޖެހި ވާހަކަ އެވެ. އެއީ އާންމު ކޮށް އެންމެންގެ ތުހުމަތެކެވެ. ސަރުކާރުން ގޯއްޗާއި ފްލެޓުގެ ލިސްޓާ އެތައް ގޮތަކަށް ކުޅެ އެތައް އިދާރާއަކަށް ދަމައިފައިވާ ކަމީ ދެކޮޅު ހެދެން ނެތް ހަގީގަތެކެވެ. އިތުރަށް އެ ވާހަކަ ހުއްޖަތު ދެއްކެވުމުގެ ގޮތުން ޅެން ވެރިޔާ ވިދާޅު ވަނީ "ހައުސިންގައި ރޯ ކޮށްފިޔޭ ސާވާތައް އަނދައިފިޔޭ" އެވެ. ބަލަބަލައި ތިއްބާ ހުރިހާ ލިޔެ ކިޔުންތަކެއް ހުލިވެ ދިޔައީ އެވެ. އެއީ ދިވެހީންގެ ރާއްޖޭގެ ކަންތައް ހުރިގޮތް ބަލަން ދިއުމުން ފެނުނު ހަގީގަތެވެ.

"ބޮޑު ވާ ފެން ނުހިންދެޔޭ، ހައްލެއް ވެސް ނުހޯދެޔޭ، އެތަކެއް މުދަލާ ގެދޮރާ ފެނުގާ ބަރުބާދު ވެއްޖެއޭ" އެއީ ލަވައިގެ ދެވަނަ ކަޑި އެވެ.

މާލޭގެ މަގުތަކަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމަކީ ދިވެހީންގެ ރާއްޖޭގެ ކެމްޕޭނުގެ ބޮޑު ވައުދެކެވެ. އެހެންކަމުން ޅެން ވެރިޔާ އިޝާރާތް ކުރައްވަނީ މިއަދު އެ ވައުދު ފުދިފައި އޮތް ނެތް ވަރަށެވެ. ކުރިޔަށް ވުރެ ނުބަ އެވެ. ހަމަ އެކަނި މަގުތަކެއް ނޫނެވެ. މީސްމީހުންގެ ގެދޮރާއި މުދަލަށް ގެއްލުން ލިބުން ހައްލުކޮށެއް ނުދެވުނެވެ. މައްސަލަ އިތުރަށްވީ ބޮޑެވެ. ފެން ބޮޑުވުމާއި ރައްޔިތުންގެ މުދަލަށް ވަމުންދާ ގެއްލުމުގެ ވާހަކައަށްފަހު ޅެންވެރިޔާ އިޝާރާތް ކުރެއްވީ ދައުލަތުގެ ވެރިޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަށެވެ. ވިދާޅުވި އެވެ.

"ގިނަގިނައިން ކުރަނީ ދަތުރު، ބޭކާރަށް ކުރަނީ ޚަރަދު، ދިވެހިން ނިކަމެތި ހާލުގަ ތިއްބާ ދަތުރޭ ކުރައްވަނީ"

ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ދަށް ފެންވަރެއްގަ އެވެ. އެކަން ދައުލަތުގެ ހުރިހާ ހިސާބަކުން ސާފެވެ. އާންމުންގެ ޖީބަށް ލުޔެއް ނެތެވެ. ތަކެތީގެ އަގު ވަނީ ބޮޑެވެ. އެފަދަ ހާލުގައި ވަނިކޮށް ބޭރު ގައުމުތަކަށް ރައީސް ކުރައްވާ ދަތުރުފުޅުތައް ވަނީ ގިނަ އެވެ. އެ ދަތުރުފުޅުތަކުންވާ ފައިދާއެއް ނެތް ކަމަށް ވިޔަސް ޚަރދުތައް އޮންނަނީ އެތައް މިލިއަނަކުންނެވެ.

ދެން އޮތީ ބަޖެޓުގެ ވާހަކައެވެ. އެއީ ލަވައިގެ ތިންވަނަ ކަޑިއެވެ.

"ފަންސާސް ބިލިއަން ބަޖެޓަކުން، ފައިދާއެއް ވީ ނުފެނުމުން، ބަޖެޓަށް ވީ ގޮތް ބުނެ ދެއްވާށޭ ދިވެހިން އަހާނެއޭ"

ޝައްކެއް ނެތެވެ. ބަޖެޓެއް ފާސްކޮށް ހުސްވާއިރު އެ ބަޖެޓަށް ވީ ގޮތެއް ރައްޔިތުން ބަލަން ބޭނުންވާނެ އެވެ. ކުރީ ކީއްތޯ ސުވާލު ކުރާނެ އެވެ. އެކަން ކުރަންވެސް ޖެހޭނެ އެވެ. އެ ސުވާލުތަކަށް ސާފު ސީދާ ޖަވާބު ސަރުކާރުން ދޭން ވެސް ޖެހެ އެވެ. ޅެންވެރިޔާ ދެން ދުވާލުކުރެއްވީ ބޮޑު ރަސްމިއްޔާތެއް ބާއްވާފައި ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތާއި އެކަމަށް ގެނައި ދެބޯޓަށްވީ ގޮތެއް ހާމަކުރަން ޖެހޭނެ ކަމަށެވެ.

ޅެން ކުރިޔަށް ގެންދަވަމުން ކުންފުނިތައް ހުލިވެއްޖެ ވާހަކައާއި ސަރުކާރުގެ ތެރޭގައި ވައްކަން އާންމުވެއްޖެ ވާހަކަ ވިދާޅުވުމަށްފަހު ވެރިކަން ކުރަން ނޭނގުމުން ސަރުކާރުގެ ސިފައަކީ ދޮގު ހެދުންކަމުގައި ވެއްޖެ ވާހަކަ ލިޔުއްވާފައިވެ އެވެ. އެއާއެކު ޅެމުގައި ވަނީ ސަރުކާރުން ގާނޫނަށް ބަދަލު ގެނެސް މަޖިލިސް އަތް ދަށަށްލުމުގެ ސަބަބުން ދައުލަތެއްގައި ހުނަންނަ ޖެހޭ ހުރިހާ ރަނގަޅު ސިފައެއް ނެތި ދިޔަ ވާހަކަ އެވެ.

ދިވެހީންގެ ރާއްޖޭގެ ވެރިކަން ބެލުމުން ފެނުނު މަންޒަރުތަކަށްފަހު ޅެން ވެރިޔާއަށް ބުނެވުނީ ދިވެހީން ހަމަ ފުޑިއްޖެ ކަމަށެވެ. އެހެންކަމުން "މިވަރުން ފުދިއްޖެ" ކަމަށެވެ. އެހެންކަމުން ދިވެހިންގެ ރާއްޖޭގެ ވެރިންނަށް އިލްތިމާސް ކުރައްވާފައި އޮތީ ވެރިކަން ހިންގަން ނޭނގުމުން އަވަހަށް ދުރަށް ދިއުމަށެވެ.

ދިވެހީންގެ ރާއްޖޭގެ ވެރިކަން ހިނގާ ގޮތް ބެލުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ހައްގެކެވެ. އެކަމަށް އާމިރު ސަލީމުގެ ޅެމުން ލިބިގެން ދިޔައީ ވަރަށް ބޮޑު އެހީތެރިކަމެކެވެ.