ދުނިޔޭގެ އެންމެ ބާރުބޮޑު ކަނޑުއޮޅި ކަމަށްވާ މިސްރުގެ ސުއެޒް ކެނެލްގައި ދަތުރުކުރި ކޮންޓެއިނަރު ބޯޓެއް ތާށިވެ، އެ ކެނެލް ބަންދުވެއްޖެ އެވެ.
އެ ކޮންޓެއިނަރު ބޯޓު ކެނެލްގައި ތާށިވީ ބާރު ވަޔާ ގުޅިގެން ކެނަލް ހުރަހަށް ބޯޓު އެނބުރުމާ ގުޅިގެންނެވެ.
ހަތަރު ފުޓްބޯޅަ ދަނޑުގެ ދިގުމިން ހުރި މި ބޯޓު ސުއެޒްގައި ބަންދުވުމުން އެތައް ބޯޓަށް އެތަކުން ނުނިކުމެވި ބަންދުވެފައިވެ އެވެ. ބަންދުވެފައި ތިބި އުޅަނދުތައް ނެރުމަށްޓަކައި މިސްރުން ވަނީ ކެނެލްގެ ކުރީގެ މަގެއް ވަގުތީ ގޮތުން ހުޅުވައިދީފަ އެވެ.
މި ހާދިސާއާ ގުޅިގެން އިންޓަނޭޝަލަން މާކެޓުގައި ތެލުގެ އަގުތައް ދަނީ މައްޗައް އަރަމުންނެވެ.
ރޮއިޓާސް އިން ބުނިގޮތުގައި މިކަމުގެ ސަބަބުން ތެލުގެ އަގު ހަތަރު ޕަސެންޓަށް ވަނީ އުފުލިފަ އެވެ.
ކްޕްލާ އެނާޖީ އިންޓެލިޖެންސް ސާވިސް އިން ބުނިގޮތުގައި 20 ތެޔޮ ކޮންޓެއިނަރަށް ވުރެ ގިނައިން އެތަނުގައި ތާށިވެފައިވެ އެވެ.
މި ކެނެލް ހުރަސްކޮށް ދުނިޔޭގެ ވިޔަފާރިތަކަށް ބޭނުންވާ ގާތްގަޑަކަށް 12 ޕަސެންޓް މުދާ އުފުލަ އެވެ.
ސުއެޒް ކެނެލް އޮތޯރިޓީން ބުނާ ގޮތުގައި މިދިޔަ އަހަރު 19،000 ބޯޓު އެ ކެނެލް އިން ދަތުރު ކޮށްފައިވެ އެވެ. މިއީ އެވަރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް 51.5 ބޯޓެވެ.
އެވާގްރީން ކޮމްޕެނީގެ ބޯޓެއް ކަމަށްވާ ދަ އެވާ ގިވެން ދަތުރުކުރަމުން ދިޔައީ ސުއޭޒް ކެނެލް އިން މެޑިޓަރޭނިއަން އާ ދިމާލަށެވެ. 400 މީޓަރު ދިގު 59 މީޓަރު ފުޅާ ބޯޓު ހުރަސްވުމުން އޭގެ ދެކޮޅުގައި ތިބި ބޯޓުތައް ވަނީ ތާށިވެފަ އެވެ. މި ބޯޓުގެ އުތުރުގައި 30 އުޅަނދާއި ދެކުނުގައި ތިން އުޅަނދު ބަންދުވެފައި އެބަ އޮތެވެ. އަދި އަށް ޓަގު ބޯޓު ދަނީ މި ކޮންޓެއިނަރު ބޯޓު ފުންކުރެވޭތޯމަސައްކަތް ކުރަމުންނެވެ. ސުއެޒް ކެނެލްގެ ވެލިގަނޑުގައި ބޯޓު ހަރުލާފައި އޮތް ދިމާލުން ވެލި ނެގުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި މި ބޯޓުގެ މިސްރާބު ރަގަޅުކޮށް އަލުން ދަތުރުތައް ފަށަން ހަފުތާއަކަށް ވުރެ ގިނަ ދުވަސް ނަގާނެ އެވެ.
މީގެ ކުރިން 2017 ވަނަ އަހަރުގައި ވެސް ޖަޕާނުގެ ބޯޓެއް ވެސް ވަނީ މެކޭނިންކަލް މައްސަލައަކާ ގުޅިގެން ސުއެޒް ކެނެލްގައި ބްލޮކްވެފަ އެވެ.
މިސްރުގެ އޮތޯރިޓީން ވަނީ އެ ބޯޓު ޓަގް ބޯޓުތަކުގެ އެހީގައި ގަޑިތަކެއްގެ ތެރޭގައި ނަގާފައިވެ އެވެ.
މިހާރު އުފެދޭ ސުވާލަކީ އެވާ ގިވެން ބޯޓު ނަގާ ސެއެޒް ކެނެލްގެ ރޫޓް ހުޅުވިގެން ދާނީ ކޮންއިރަކުންތޯ އެވެ.