ވައި ތަޣައްޔަރުވުން ނުވަތަ ވައި ނުސާފުވުމަކީ ދުނިޔޭގެ ގިނަ ސަރަހައްދުތަކަށް ދިމާވެފައިވާ ނުރައްކާތެރި މައްސަލައެކެވެ. ރާއްޖޭގައި ވެސް ކަންބޮޑުވާ ދަރަޖައަށް ވައި ނުސާފުވާ ދުވަސްތައް މިހާރު ކުރިމަތިވަމުންދެ އެވެ. ވިހަ ވައިން ނޭވާލާ ނިޒާމަށް އަސަރުކޮށް، ބަލިތަކަށް މަގުފަހިވެ އެވެ. މިފަދަ ކަންކަމުން އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް ކުރެވޭނެ ކަންތައްތައް ހިއްސާކޮށްލާނަމެވެ.

ކޮންމެ ދުވަހަކު އެއާ ކޮލެޓީ ބެލުން

އެޕްތަކާއި ވެބްސައިޓްތައް ބޭނުންކޮށްގެން ވައިގެ ތަޣައްޔަރުކަން ހުރި މިންވަރު ބަލައި، އެއާ އެއްގޮތަށް ޙަރަކާތްތައް ބައްޓަންކުރާށެވެ.

އެއާ ޕިއުރިފަޔާ ބޭނުންކުރުން

ގޭތެރޭގައި ވައި ސާފުކުރުމަށް ރަނގަޅު އެއާ ޕިއުރިފަޔާއެއް ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. އަދި ވައި ނުސާފު ވަގުތުތަކުގައި ގޭގެ ކުޑަދޮރުތައް ލައްޕާފައި އެއާޕިއުރިފަޔާ ޖެއްސެމުން ގޭތެރޭގެ ވައި ސާފު ކޮށްދޭނެ އެވެ.

މާސްކް ބޭނުންކުރުން

ބޭރަށް ނުކުމެ އުޅޭއިރު ތަޣައްޔަރުވެފައިވާ ވައިން ރައްކާތެރިވުމަށް މާސްކް ބޭނުން ކުރާށެވެ. މިގޮތުން ބޭނުންކުރަން ރަނގަޅީ އެން95/އެން99 މާސްކެވެ.

ބޭރުގައި ހޭދަކުރާ ވަގުތު މަދުކުރުން

ވައި އެންމެ ނުސާފުވާ ވަގުތުތަކުގައި ބޭރަށް ނުކުތުން މަދުކުރާށެވެ. އަދި ބޭރުގައި ހޭދަކުރާ ވަގުތު ވީހާވެސް މަދުކުރުމަށް މަސައްކަތް ކުރާށެވެ.

އެންޓިއޮކްސިޑެންޓް ގިނަ ކާނާ ކެއުން

ފެހިކަން ގަދަ ތަރުކާރީ އާއި މޭވާ އަކީ އެންޓިއޮކްސިޑެންޓް ގިނަ ކާނާގެ ތެރޭގައި ހިމެނޭ ކާނާ އެވެ. ފައިދާހުރި ކާނާ ކެއުމުން ތަޣައްޔަރުކަމުގެ އަސަރު ހަށިގަނޑަށް ކުރާ މިންވަރު ކުޑަކުރެވޭނެ އެވެ.

ވައި ނުސާފުވުމަކީ ބޮޑު ގޮންޖެހުމެއް ނަމަވެސް، ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުން އޭގެ އަސަރު ކުޑަކުރެވިދާނެ އެވެ.