ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ޓެކްސީ ދުއްވާ މީހުންނަކީ ވަރަށް ބުރަކޮށް، ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅޭ ބައެއް ކަމަށެވެ. އަދި އެކަން ކުރަނީ ފުލްޓައިމްކޮށް ޓެކްސީ ކުރާ މީހުން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިރިއުޅުން ދަތިކަމުން ވަޒީފާތަކުގައި އުޅޭ ބައެއް މީހުން ވެސް މިހާރު ޓެކްސީކުރަމުން އަންނައިރު، އެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަނުމަކީ އެފަދަ މީހުންގެ އާމްދަނީއަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.
"ވަރަށް ދެރަވަރު ކަންތައް މިކުރަނީ. މިއީކީއެއް ނޫން. ޕީޕީއެމްގެ ނުވަތަ ޕީއެންސީގެ މެނިފެސްޓޯގައި ހުރި ކަންތައްތަކެއް ނޫން މިއީކީ. މިހާރު މިދަނީ ގޯހުން ގޯހަށް. މިކަހަލަ ވިޔަފާރިތަކުގެ ތެރެއަަކަށް ސަރުކާރު ނުޖެހޭ ވަންނާކަށް. އެއްގޮތަކަށް ވެސް ސަރުކާރު ވަދެގެން ނުވާނެ. ވަރަށް ދެރަ ކަންތައްތައް މިކުރަނީ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަންޖެހޭ ހަގީގީ ސަބަބެއް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ވެސް ވިދާޅުނުވެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޓީސީސީން ބުނީ މާލޭގައި އިތުރުވަމުން އަންނަ ދަތުރުފަތުރުގެ ޑިމާންޑާއެއްވަރަށް ހިދުމަތް ދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.
މިކަމާ ދެކޮޅަށް ހުޅުމާލޭގައި މުޒާހަރާކުރި ބައެއް ޓެކްސީ ޑްރައިވަރުންނަށް ދައުލަތުން ވަނީ ޖިނާއީ ދައުވާ އުފުލާފަ އެވެ.