ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މެމްބަރުން އިންތިހާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން އެ ކޯޓުން މިއަދު ނިންމުމާ އެކު ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ރައީސް މުހައްމަދު މުއިއްޒު ބާއްވައިފި އެވެ.
"ހުރިހާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާންމުކޮށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް އާދިއްތަ ދުވަހު ބޭއްވި ނަމަވެސް ރައީސް މުއިއްޒު މެމްބަރުން ގޮނޑިއާލައި ބަނުމަށް ތަސްދީގުކުރި ބިލުގެ މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމުމުން މިއަދު ރައީސް މުއިއްޒު ވަނީ ކުއްލި ގޮތަކަށް ވަޒީރުންނަށް އަންގަވާ ބައްދަލުވުމެއް ބާއްވަވާފަ އެވެ. ބައްދަލުވުމުގެ ތަފްސީލު އަދި ލިބިފައިނުވެ އެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮނޑިގެއްލޭ އިސްލާހާ ގުޅޭ ގޮތުން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދަން ނިންމުމުން ރައީސް މުއިއްޒު ވަނީ ނުހަނު ކަންބޮޑުވެވަޑައިގެންފަ އެވެ. އަދި މި ބައްދަލުވުމަށް މަގުފަހިކުރުމަށް، މިއަދު ރައްޔިތުންގެ މަޖިިލީހުގެ ބައެއް މެމްބަރުންނާ އެކު ރައީސް މުއިއްޒު ބާއްވަވަން ނިންމަވާފައި އޮތް މެންދުރުގެ ފަރިއްކޮޅު ވެސް ވަނީ ކެންސަލްކުރައްވާފަ އެވެ.
ބެލެވޭ ގޮތުގައި މަޖިލީހުގެ ބާރުތައް އަތްޕުޅަށް ނަންގަވަން ރައީސް މުއިއްޒު ކޮއްޓެވި މަގު ސުޕްރީމް ކޯޓުން ބާތިލްކޮށްފާނެކަމުގެ ބިރު ރައީސް މުއިއްޒަށް ހީފުޅުވީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީއަކަށް ގެއްލުވައިލެވޭ ގޮތަށް ގެނައި ބަދަލަކީ ރައީސް މުއިއްޒުގެ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ފުލް ކޮންޓްރޯލް ނެގޭ ގޮތަށް ގެނައި ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.