ރ. ފައިނު އެއާޕޯޓާ ބެހޭ ދިސާރާތަކާއި ސާވޭތައް ހެދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ހިންގާ އެމްއޭސީއެލްގެ ހަރަދުގައި ހަދާ ދެވަނަ އެއާޕޯޓެވެ. މީގެ ކުރިން ތ. ތިމަރަފުށީ އެއާޕޯޓު ތަރައްގީކުރީ ވެސް އެ ކުންފުނިންނެވެ.
އެމްއޭސީއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ފުރަތަމަ ކުރިޔަށް ގެންދާނީ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި، ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓު (އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް) އަދި ޑިޒައިން މަސައްކަތްތައް ކަމަށެވެ. އަދި އެ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށޭނީ މި ސާވޭތަކާއި ދިރާސާތަކަށް ފަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްއޭސީއެލް އިން ބުނީ މި މަޝްރޫއަކީ، ރ. އަތޮޅުގެ ދަތުރުފަތުރާއި، ފަތުރުވެރިކަން އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާއި އެއްގޮތަށް ތަރައްގީ ކުރުމަށް ނިންމަވާފައިވާ އެއް އެއާޕޯޓު ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެމްއޭސީއެލް އިން ދެކެ އެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ އެމްޓީސީސީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ މުއްދަތުތަކުގައި މި މަސައްކަތް އެންމެ ފުރިހަމައަށް ނިންމާލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެމްޓީސީސީއިން ވެސް ވަނީ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމުގެ މުހިއްމު ކަމާއި އެކަމަށް އެމްޓީސީސީ އިން އަބަދުވެސް މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ.