އިޒްރޭލުން ސީރިޔާގެ ދިމިޝްގުގެ ދެކުނުގައިވާ ކިސްވޭ އަށާއި ދަރާ ސަރަހައްދުގެ އަވަށަކަށް ބޮން އަޅައިފި އެވެ.
ޔޫކޭގައި މައި އޮފީސް ހުންނަ ސިރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފައިވާ ގޮތުގައި، އިޒްރޭލުން އަންގާރަ ދުވަހުގެ ރޭ ދިން މި ހަމަލާތަކުގައި މަދުވެގެން ދެ މީހަކު މަރުވެފައިވެ އެވެ.
އިޒްރޭލުން ބުނެފައިވާ ގޮތުގައި، އެ ޤައުމުން ވަނީ ދެކުނު ސިރިޔާގެ ސިފައިންގެ އަމާޒުތަކަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި މައި އޮފީސްތަކާއި ހަތިޔާރު ރައްކާކޮށްފައި ހުރި ތަންތަން ހިމެނެ އެވެ. އަދި އިޒްރޭލުން ބުނީ ސިރިޔާގެ ދެކުނު ސަރަޙައްދުގައި ސިފައިންގެ ވަސީލަތްތަކާއި ބާރުތައް ހުރުމަކީ އިޒްރޭލަށް ނުރައްކަލެއް ކަމަށެވެ.
އިޒްރޭލުގެ ދިފާޢީ ވަޒީރު ކަޓްޒް ބުނީ މި ހަމަލާތަކަކީ ދެކުނު ސިރިޔާ ހަމަޖެއްސުމުގެ ސިޔާސަތުގެ ބައެއް ކަމަށެވެ. އަދި އޭނާ ބުނީ ދެކުނު ސިރިޔާ ދެކުނު ލުބުނާނަށް ބަދަލުވާން އިޒްރޭލުން ނޭދޭކަމަށެވެ.
އިޒްރޭލުން މި ހަމަލާ ދީފައި މިވަނީ ސިރިޔާއިން ޤައުމީ ޑައިލޮގް ސަމިޓެއް ނިންމާލައި، އެ ޤައުމުގެ ސަރަޙައްދަށް އިޒްރޭލުން ވަދެ އުޅުން ކުށްވެރިކޮށް އަދި އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ ބަޔާނެއް ނެރުމާ ދިމާކޮށެވެ.