ކުރީގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދޫކުރި ބޯހިޔާވަހިކަމުގެ ތެރޭގައި ހިމެނޭ "ގެދޮރުވެރިޔާ" ފްލެޓުތަކުގެ ކުލި މި ސަރުކާރުން ބޮޑުކޮށްފި އެވެ.
ގެދޮރުވެރިޔާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ފްލެޓުތަކަށް ކުރީ ސަރުކާރުން ކަނޑައެޅި ކުލި މި ސަރުކާރުން ބޮޑުކޮށްފައިވަނީ ހަރަދުުތައް ފޫނުބެދޭ ކަމަށް ބުނެ އެވެ.
ކުރީ ސަރުކާރުން ތިން ކޮޓަރީގެ ފްލެޓްތަކަށް ކަނޑައަޅާފައި ވަނީ 7000 ރުފިޔާ އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ކަނޑައަޅާފައި ވަނީ 5000 ރުފިޔާ އެވެ. މިފްލެޓްތަކުގެ މެއިންޓެނެންސަށް ކަނޑައަޅާފައި ވަނީ 1000 ރުފިޔާ އެވެ.
ކުރީ ސަރުކާރުގެ އަގތައް މިހެން ހުރިއިރު އަދުގެ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އަދަދުތަކަކީ ދައުލަތުން ދައްކަން ޖެހޭ ލޯނުގެ ފައިސާގެ އަދަދަށް ބަލައިގެން ހަދާފައިވާ އަދަދުތަކެއް ނޫން ކަމަށެވެ.
ފްލެޓް ލިސްޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރަގަޅަށް އެސެސްމެންޓްތައް ހެދުމަށްފަހު، ދެ ކޮޓަރީގެ ފްލެޓްތަކުން މަހަކު 9000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 13000 ރުފިޔާ ނަގަން ޖެހޭނެ ކަމަށެވެ.
މިހާރު ކަނޑައަޅާފައިވާ އަގުތަކަކީ ސަރުކާރުން ހަރަދުގެ ބައެއް ސަބްސިޑައިޒް ކުރާ ގޮތަށް ކަނޑައަޅާފައި ހުރި އަގުތަކެކެވެ. މިނިސްޓަރު ވިދާޅުވި މި އަގުގައި ވެސް ލޯނު ދެއްކުމަށް ޓަކައި އަހަރަކު ގާތްގަނޑަކަށް 100 މިލިއަނެއްގައި ރުފިޔާ ސަރުކާރުން ހަރަދު ކުރަން ޖެހޭނެ ކަމަށެވެ.
މިހާރު ސަރުކާރުން މި ފްލެޓްތަކަށް މަހަކު ނަގަން ކަނޑައަޅާފައި ވަނީ؛
- ދެ ކޮޓަރީގެ ފްލެޓްތައް: މެއިންޓެނެންސް ފައިސާއާއެކު މަހަކު 8000 ރުފިޔާ، ޑައުންޕޭމަންޓަށް 15،000 ރުފިޔާ.
- ތިން ކޮޓަރީގެ ފްލެޓްތައް: މެއިންޓެނެންސް ފައިސާއާއެކު މަހަކު 10،500 ރުފިޔާ، ޑައުންޕޭމެންޓަށް 25،000 ރުފިޔާ. މިހާރު ކަނޑައަޅާފައިވާ ގޮތުން، ދެ ކޮޓަރީގެ އެޕާޓުމެންޓްތަކުގެ މަހު ކުއްޔަކީ 7000 ރުފިޔާ.
- ޖުމްލަ 8000 ރުފިޔާ އަކީ މެއިންޓެނެންސަށްވާ 1000 ރުފިޔާއާއެކު. ތިން ކޮޓަރީގެ އެޕާޓްމެންޓްތަކުގެ މަހު ކުއްޔަކީ 9000 ރުފިޔާ. މެއިންޓެނެސްސަށް ނަގަން ނިންމާފައި ވަނީ 1500 ރުފިޔާ.