އެއީ ޝައުބާން މަހުގެ އެންމެ ފަހު ދުވަހެވެ. ފުވައްމުލަކުގައި އޮންނަ އާދަކާދައިގެ މަތިން ގިނަ ބަޔަކު ދިޔައީ ރަށުގެ އެކި ސަރަހައްދުން މޫދަށް އެރެމުންނެވެ. އެއީ އެރަށުގެ ބަހުން ނަމަ "މާހިފުން" ދުއްވުމެވެ. އެކި އަވަށުގެ މީހުން އެކި ސަރަހައްދުތަކަށް މޫދަށް އެރެމުން ދިޔައިރު ދިގުވާނޑު އަވަށުގެ ގިނަ ބަޔަކު ދިޔައީ އަރުއްފަންނަށެވެ. އެއީ ކޮންމެ އަހަރަކު ވެސް އެކަން އޮންނަ ގޮތެވެ.
އަރުއްފަންނަށް މޫދަށް ދިޔައިރު އެ ހިސާބުގަނޑުގެ މޫދު އޮތީ އާދައިގެ ގޮތަކަށް މަޑުކޮށެވެ. ރާޅު ބިންދަނީ އާދައިގެ މިންވަރަކަށެވެ. އެހެންކަމުން ރާޅުގަނޑުގެ ތެރޭގައި މޫދުގައި މަޖާކުރަމުން ގެންދިޔައީ ކުއްލިއަކަށް ކުރިމަތިވެދާނެ ނުރައްކަލަކަށް މާބޮޑު ސަމާލުކަމެއް ނެތި އެވެ. އެގޮތަށް މޫދުގައި މަޖާކުރަމުން ގެންދިޔަ ޒުވާނުންނާއި ކުދިވެރިންގެ ސަމާލުކަން ކުއްލިއަކަށް ހުއްޓުނީ ބޯމައްޗަށް ނަގާ ހޮޅިކޮށްލި އާދަޔާ ޚިލާފު ބިޔަ ރާޅަކުންނެވެ. އެ ރާޅުގެ ހޮޅިގަނޑު ދަށުގައިވެ ހާސްވެފައި ތިބި މީހުންގެ ބޮލަށް ފުލުފުލުގައި އެއްވަރެއްގެ ހަތަރު ރާޅު ބިންދާލި އެވެ.
ރާޅުތައް އަރައި މަޑުވިއިރު އިވެމުން ދިޔައީ ޒުވާނުންނާއި ކުދިންގެ ރުއިމުގެ އަޑެވެ. އެއްބަޔަކު އުނދަގުލުން ސަލާމަތްވެގެން އެއްގަމަށް އަރަނީ އެވެ. އޭރު އޭގެ ތެރެއިން ބަޔަކު އޮޔާއެކު ބޭރަށް ދަމައިގެންފި އެވެ.
އެ ވަގުތު މޫދުގައި ތިބި މީހުންގެ ތެރެއިން އެކަކު ކަމަށްވާ ފުވައްމުލަކު ދިގުވާނޑިގޭ، އަހުމަދު އިބްރާހިމް ދީދީ ބުނިގޮތުގައި އެދުވަހު އޭނާ މޫދަށް ދިޔައީ އޭނާގެ ކުޑަ ކޮއްކޮއެއް ގޮވައިގެންނެވެ. އެހެން ކަމުން މާދުރަށް ނުގޮސް އޭނާ ހުރީ ކޮއްކޮ ގޮވައިގެން ގޮޑުދޮށާ ދާދި ގާތުގައި ކަމަށް އޭނާ ބުންޏެވެ.
"އެގޮތަށް ހުއްޓާ ކުއްލިއަކަށް ނެގި ރާޅުތަކާ އެކު 'ދަމައިގެންފި' އޭ ކިޔާ މީހުން ހަޅޭއްލަވައި ގަތުމުން އޭނާ އަވަސްވެގަތީ ކޮއްކޮ ހިމާޔަތް ކުރުމަށް. އެވަގުތު އަތުގައި އޮތް ފިލާފޮއްޗެއް ވެސް ބޭރަށް ދަމައިގެންފައި އަތް މީހަކާ ދިމާޔަށް އެއްލި،" އަހުމަދު ދީދީ ބުންޏެވެ.
އަހުމަދު ދީދީ އަށް އޭރު ފެނުނީ ބައެއް މީހުން ދަމައިގެން ގޮސް ގޮސް ތިބި މީހުން ސަލާމަތްކުރަން އުޅޭ މަންޒަރެވެ.
އެ ބިރުވެރި ވަގުތު އަހުމަދު ދީދީ އޭނާގެ ކޮއްކޮއެއް އެއްގަމަށް ޚަބަރު ދޭން ފޮނުވި އެވެ. ކުޑަހިނދު ކޮޅެއްގެތެރޭގައި އެތަނަށް މީހުން އަތުވެއްޖެ އެވެ. އެއްގަމުން އައި މީހުން ބަލާކަށް ނުތިބެ އެހެލާފައި ހުރި ބޮއްކުރައެއް ބާލައިގެން ނިކުތެވެ. އޭރު ރާޅު އޮތީ މަޑުވެފަ އެވެ. ދަމައިގެން ދިޔަ މީހުން ހޯދުމުގެ މަސައްކަތަށް ނިކުތް މީހުން، އެ މީހުންގެ މަސައްކަތް ކިތަންމެ އަވަހަކަށް ކުރި ކަމުގައި ވިޔަސް ކަނޑުވި މީހުން ދިރި ތިއްބާ ނެގުމުގެ ނަސީބެއް ނުލިބުނެވެ.
ކުޑައިރުކޮޅެއްގެ މަސައްކަތުން ބޮއްކުރައިން ދިޔަ މީހުން، ގެއްލުނު ހަތަރު އަންހެނުންގެ ތެރެއިން ތިން މީހުން ހޯދި އެވެ. އަހުމަދު ދީދީ ބުނި ގޮތުގައި އެ ތިން މީހުން ތިބީ އެކަކު އަނެކެއްގެ ގައިގައި އޮޅުލައިގެން ކަހަލަ ގޮތަކަށެވެ. އެ ދުވަހު ނުފެނުނު އަންހެން މީހާ ފެނުނީ ފަހު ދުވަހު އެވެ.
މާހިފުން ދުވަހުގެ އެ ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކުރި ޒުވާން ހަތަރު އަންހެނުންނަކީ ފުވައްމުލަކު ލީކުވިލާ، ހައްވާ ހަބީބު، ލުނބޯ މާގޭ، މަރިޔަމް ދީދީ، ސަލްޖަމްގޭ، އަނީސާ އަބްދުއްރަހުމާން، ޗަނބޭލީގޭ، ކައްދާ މަނިކެ އެވެ.
ފުވައްމުލަކަކީ ގެނބިގެން މީހުން މަރުވުމުގެ ރިކޯޑެއް އޮންނަ ރަށެއް ކަމުގައި ވިޔަސް ގިނަ ފަހަރަށް އެކަން ހިނަގައިފައި ހުންނަނީ ނެރުން ލަފާ ފުރާއިރު އެވެ. މޫދަށް އެރިތިއްބާ ރާޅާއޮޔާ ދަމައިގަނެ މީހުން މަރުވުމުގެ ހާދިސާތަކަކީ ވަރަށް މަދުން ހިނގާ ހާދިސާއެކެވެ. މީގެ 43 އަހަރު ކުރިން މާހިފުން ދުވަހުގެ އެ ހިތާމަވެރި ހާދިސާއަކީ ރަށުގެ ތާރީޚުގައި އާދަޔާޚިލާފު ހިތާމަވެރި ދުވަހެއްގެ ގޮތުގައި ބެލެވޭ ސަބަބަކީ އެއީ އެވެ.
އެދުވަހުގެ ބިރުވެރި އެ ޙާދިޘާގައި ނިޔާވެގެން އެދިޔަ 4 އަންހެން ކަނބަލުންނަށް މަތްالله ސުވަރުގޭގެ މަތިވެެރި ޖަޒާ ޖަންނަތުލް ފިރްދައުސް ދެއްވާށިއެވެ. އަދި އެފަދަ ބިރުވެރި ކުއްލި ޙާދިޘާ ތަކުން މި ލޮބުވެތި ޢުލޫމީ ފަސްގަނޑު (ފުވައްމުލައް) ރަށްކާތެެރި ކުރައްވާށި! އާމީން.
ރިޕްލައި