ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަޮތލުން ފެށިގެން މ. އަތޮޅާ ހަމައަށް މޯލްޑީވްސް މީޓޮރޮލޮޖިކަލް ސެންޓަރުން ރީނދޫ ސަމާލު ނެރެފި އެވެ.
ކ. އަތޮޅުން މ. އަތޮޅަށް ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުރު1 2:45 އިން ހަވީރު 4:00 އާ ހަމަ އަށެވެ. މެޓުން ހާމަކުރާ ގޮތުގައި ސަމާލުގެ ވަގުތުގައި އެ ސަރަގައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.
މީގެ އިތުރުން މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވަހުން އެކަށީގެންވާ ކަަމަށްވެސް ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އެހެން ސަރަހައްދުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.
މެޓުން ބުނީ ކަނޑުތައް މިއަދު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެތީ ކަނޑުތަކު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.