1446 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަސް ނިމެމުންދާއިރު ހުރިހާ ހިސާބެއްގެ ވެސް މުސްލިމުންގެ ސަމާލު ކަން ހުއްޓިފައި މިވަގުތު އޮތީ މާދަމާ ރޯދަ ހިފަން ޖެހޭނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލަށެވެ. މިއަދުގެ އިރު އޮއްސޭން ކައިރިވާ އިރު މުސްލިމުން ރަމަޟާން މަހުގެ ހަނދު ބެލުމަށް ނިކުންނާނެ އެވެ. އެއީ ސުންނަތެކެވެ. މާދަމާ ރޯދަ މަސް ފެށުން ބިނާ ވެފައި އޮންނާނީ މިރޭ ހަނދު ފެނުމާ ނުފެނުމުގެ މައްޗަށެވެ.

ރާއްޖޭގެ އިސްލާމީ ކަލަންޑަރުން ވެސް މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. ނުވަތަ މުލަ ރޯދަ ދުވަހެވެ. އެ ނިންމުން އައިސްފައި ވަނީ ފަލަކީ ހިސާބުތަކަށް ރިއާޔަތް ކޮށްގެންނެވެ. ފަލަކީ ހިސާބުން ދައްކާ ގޮތުން ރާއްޖޭގެ ސަރަހައްދަށް މިއަދުގެ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ އެވެ. ހަނދު އޮއްސޭނީ 26 މިނިޓާއި 28 މިނިޓާ ދެމެދުގެ ވަގުތަކަށް ފެންމަތީގައި ހުރުމަށް ފަހު އެވެ. އެހެންކަމުން އެއީ އުޑުމަތި ސާފުނަމަ ހަނދު ހަމަ ލޮލަށް ފެނުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހި ވެގެން ދާނެ މިންވަރެކެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ބަޔަކަށް މިރޭގެ ހަނދު ފެނުމުގެ ފުރުސަތު ބޮޑެވެ.

ރާއްޖޭގައި ހަނދު ކަށަވަރު ކުރުމުގެ އުސޫލު އޮންނަ ގޮތަށް ބަލާއިރު ވެސް މާދަމާ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވުމުގެ ފުރުސަތު ބޮޑެވެ. ރާއްޖޭގައި ހަނދު ސާބިތު ކުރުމަށް ސަރުކާރުން ބަލާ މިންގަނޑަކީ އެރެއްގައި ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ރެއެއްގައި ރާއްޖެއަށް ނުވަތަ އިސްލާމީ އެހެން ގައުމަކަށް ވެސް ހަނދުފެނުމުވެ. ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ރެއެއްގައި ގައުމަކަށް ހަނދު ފެނުނު ކަމުގައި އިއުލާން ކުރި ކަމުގައި ވިޔަސް ރާއްޖެއިން އެކަމަކަށް އަމަލެއް ނުކުރާނެ އެވެ. އެ އުސޫލުން ބަލާއިރުވެސް މިރެއަކީ މެދު އިރުމަތީގެ މުސްލިމު ގައުމުތަކަށް ހަނދު ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ރެއެކެވެ. ސައޫދީ އަރަބިޔާއަށް ވެސް އިރު އޮއްސުމަށްފަހު ބައި ގަޑިއަށް ވުރެ ގިނައިރު ހަނދު ފެންމަތީގައި ހުންނާނެ އެވެ. އެއީ ހަމަ ލޮލަށް ސާފުކޮށް ހަނދު ފެންނާނެ މިންވަރުގެ ވަގުތެވެ.

ދުނިޔޭގެ މުސްލިމު ގިނަ ގައުމުތަކަށް މިރޭ ރޯދަ މަހުގެ ހަނދު ފެނުމުގެ ފުރުސަތު އޮތުމުން ރާއްޖެއެކޭ އެއްފަދައިން މާދަމާ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ރޯދަ ހިފާނެ އެވެ. ބަރަކާތްތެރި ރޯދަ މަހަށް މަރުހަބާ އެވެ.