ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ސަރުކާރު އިދާރާތަކުން ތައްޔާރުވެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވުމާކު، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށްތައްޔާރު ވުމުގައި ވީހާވެސް ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ރައްޔިތުންނަށް ފަސޭހަކުރުމަށް ހަމަޖައްސަވާ އިންތިޒާމުތަކުގެ ތަފްސީލު ހީނާ ނުދެއްވަ އެވެ.
ދިވެހިން ރޯދައަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި މޫސުން ގޯސްވެ ބައެއް ސަރަހައްދު ތަކަށް މިއަދު ވަނީ ރީނދޫ އެލާޓު ނެރެފަ އެވެ. އެގޮތުން މިއަދު ހަވީރު 4:00 އިން މިރޭ 8:00އަށް ޅ. އަތޮޅުން މ. އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށް ވަނީ ރީނދޫ އެލާޓު ނެރެފަ އެވެ.
މީގެ އިތުރުން ތ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ވަނީ ހުދު އެލާޓު ނެރަފަ އެވެ.