ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިރޭ ވިދާޅުވީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާ ކަމަށެވެ.
މާލޭގެ 6 ސަރަހައްދެއްގައި ޕަންޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފް އިން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 12 ޕަންޕް ޖައްސައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ރޭގެ 11 ޖެހުމާ ހަމަޔަށް 2،165 ޓަނުގެ ފެން ހިއްކިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ސިފައިންގެ އޭރިއާ ކޮމާންޑުތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ޕީއެސްއެމްއަށް ވިދާޅުވީ ވިއްސާރައާ ގުޅިގެން ދުރާލާ ތައްޔާރުވެ، ފެން ހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މާލޭގެ އިތުރުން މާލެ އަތޮޅުގެ ތިން ރަށެއްގައި އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ކ. ހުރާ، ކ. ހިއްމަފުށި އަދި ގުރައިދޫގައި ހަރަކާތްތެރިވަމުންދާއިރު، ތުލުސްދޫއަށް ވެސް އެހީވުމަށް މިހާރު އެމްއެމްއެންޑީއެފް ޓީމުތައް ދަތުރުކުރަމުންދާ ކަމަށް ހިލްމީ ވިދާޅުވި އެވެ.
ޗީފް ވިދާޅުވީ ސިފައިން ތިބީ އަތޮޅު ތެރޭގައި ވެސް ކަމެއް ދިމާވާ ހާލަތެއްގައި އިޖާބަ ދިނުމަށް ތައްޔާރަށް ކަމަށެވެ. އެގޮތުން އޭރިއާ ކޮމާންޑްތައް އެކްޓިވޭޓްކުރެވިފައިވާކަން ހިލްމީ ފާހަގަކުރެއްވި އެވެ.