މުސްލިމުންގެ އެންމެ މާތް މައްސަރު ކަމަށްވާ ރަމަޟާން މަހަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް ގައުމު ކަމަށްވާ އިނގިރޭސި ވިލާތުގެ ލަންޑަން ދިއްލާލައިފި އެވެ.
ލަންޑަންގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާ ޕިކަޑެއްލީގެ މަގުތަކުގައި ރަމަޟާން މަހާ ގުޅުންހުރި ބޮކިތަކާއި ބައްތިތައް ވަނީ އެލުވާފަ އެވެ.
އެގޮތުން އިސްލާމީ ވަންތަކަން ދައްކުވައިދޭ ތަރިތަކާއި ހަނދުފަޅި ފަދަ ތަކެތީގެ ބައްޓަމަށް އެލުވާފައިހުރި ބޮކިތަކުން މުޅި ސަރަހައްދު ވަނީ ޖަރީ ކުރެވިފަ އެވެ.
މި ދިއްލުންތަކާއެކު އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމުންނަށް ރަމަޟާން މަސް ފެށުނުއިރު ޣައިރު މުސްލިމުން ވެސް އަންނަނީ ރަމަޟާން މަހުގެ އުފަލުގައި މުސްލިމުންނާ ބައިވެރި ވަމުންނެވެ.
ރަމަޟާން މަހުގެ ދިއްލުންތަކުގެ އިތުރުން ވެސް އެ ސަރަހައްދުގެ މުސްލިމުންގެ ރޯދަ މަސް އިތުރަށް ހާއްސަ ވެގެން ދިޔައީ މީގެ ދެ ދުވަހެއް ކުރިން އެގައުމުގެ ޝާހީ ދެކަނބަލުން އެ ސަރަހައްދަށް ޒިއާރަތް ކުރެއްވުމުންނެވެ.
ރަސްގެފާނު ޗާލްސް ތިންވަނައާއި ރާނީ ކަމިލާ ވަނީ ރަމަޟާން މަހުގެ ހަދިޔާ ފޮށިތައް ބަންދު ކުރެއްވުމުގައި އެ ސަރަހައްދުގެ މީހުންނަށް އެހީތެރިވެދެއްވާފަ އެވެ.
އެއް މިލިއަނެއްހާ މުސްލިމުން ދިރިއުޅޭ ލަންޑަނަކީ އަބަދުވެސް މުސްލިމުންގެ އީދުތައް ކުލަގަދަކޮށް ފާހަގަ ކުރަމުން އަންނަ ސިޓީ އެކެވެ.