މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ.
އުސެއިދުގެ އާއިލާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ގެއްލިގެން ހޯދަނީ އާދިއްތަ ދުވަހު މެންދުރުފަހު 3:00 އިން ފެށިގެން ކަމަށެވެ.
ފޮރިން މިނިސްޓްރީން ވެސް ވަނީ މެލޭޝިޔާއިން ދިވެއްސެއް ގެއްލިގެން އުޅޭ ކަން އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ކަން "ހުރިހާ" އަށް ޔަގީންކޮށްދީފަ އެވެ. އެހެންވެ، އެގައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމީހާ ހޯދުމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އޭނާގެ ފޮޓޯ ހިއްސާކޮށް، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ނަމަ، އެ މައުލޫމާތެއް ރާއްޖޭގެ ހައިކޮމިޝަނާ ހިއްސާކުރަން އެދެމުންނެވެ.
އުސައިދު ގެއްލުނުއިރު އޭނާ ދިރިއުޅުނީ ގިނަ އަދަދެއްގެ ދިވެހިން ވެސް އުޅޭ ސަންވޭގައި ހުންނަ ސަންވޭ ޖިއޯ ރެސިޑެންސްގަ އެވެ.
މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.