ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް މާލޭ ހިންގައި ބައެއް ތަންތަން ބަލައި ފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މާލޭގެ ބައެއް ގެތައް ބަލައި ފާސްކޮށްފައިވެ އެވެ. ރޭ 11 ޖަހާކަންހާއިރު ފެށި މި އޮޕަރޭޝަންގައި މަގުމަތީގެ ބައެއް އުޅަނދުތައް ވެސް ހުއްޓުވައި ބަލާ ފާސްކޮށްފައިވެ އެވެ.
މިއީ ފުލުހުން ކައުންޓަ ޓެރަރިޒަމުން ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް އެނގިފައިވެ އެވެ.
މާލޭގެ އިތުރުން ސަލާމަތީ ބާރުތަކުން ވަނީ ހުޅުމާލޭގެ ބައެއް ތަންތަން ވެސް ބަލާ ފާސްކޮށްފަ އެވެ. މިތަންތަން ބަލާފާސްކޮށް އެތަންތަނުން ވަނީ ބައެއް ތަކެތި ސަލާމާތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ސަލާމަތީ ބާރުތަކުން ހިންގި މި އޮޕަރޭޝަން ނިންމާލިކަމަށް ބުނެފައެއް ނުވެ އެވެ.
ފުލުހުން ބުނީ މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން 3 މީހަކު ހައްޔަރުކޮށް، އެ މީހުންނާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަމުންދާ ކަށެވެ. މިއީ ގައުމީ ސަލާމަތާއި ގުޅުން އޮތް މައްސަލައަކަށް ވުމުން ހާމަކުރެވެން އޮތް ވަރަކުން ހާމަކުރަމުންދާނެ ކަމަށް ބުނެ އެވެ.