އދ. ދިގުރަށު ކައުންސިލަށް ދައްކަން ޖެހޭ ފީ ނުދައްކާ ކަމަށް ބުނެ އެ ރަށު ތުނޑިއަށް އަރައިގެން އުޅުނު ޓޫރިސްޓުންތަކެއް ރަށުން ބޭލުވި މައްސަލަ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ފަށައިފި އެވެ.

ދިގުރަށު ގޮނޑުދޮށުގައި ހުރި ޓޫރިސްޓަކު ފޭބުމަށް ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން އަތުން އިޝާރާތްކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މިޑީއާގައި ދައުރުވި އެވެ. ޓޫރިސްޓުން ބާލުވާތީ އެ ކަމަށް ބައެއް މީހުން ފާޑުކިޔާފައި ވެސް ވެ އެވެ.

އެކަމާ ގުޅޭ ގޮތުން ލޯކަލް ގަވަރުމަންޓް މިނިސްޓަރު، އެލްޖީއޭގެ ރައީސް އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ހިތާމަވެރި ހާދިސާއެއް ކަމަށާއި މިކަން ހިނގި ގޮތް ދެނެގަތުމަށް އިންކްއަރީއެއް ކުރިއަށް ގެންދާނަން ކަމަށެވެ.

"ރަށްތަކުގެ އާންމު މިންގަނޑުތައް ހިފެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރު، ފަތުރުވެރިންނަށް އެކަށީގެންވާ މެހެމާންދާރީ އަދާކުރުމަށް ރަށްތަކަށް ބާރުއަޅަން. މި މިންގަނޑުތައް ދެމެހެއްޓުމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެ ކުރިއެރުމަށްޓަކައި ކަމާގުޅޭ އެންމެހާ ފަރާތްތަކާއެކު ގާތުން މަސައްކަތްކުރާނަން." އާދަމް ވިދާޅުވި އެވެ.

ދިގުރަށުގެ ބައެއް ބީޗްތަކާއި ތުނޑިތަކުގައި ޓޫރިސްޓުން އުޅޭކަމަށްވާ ނަމަ ރަށުން ބޭރު ގެސްޓްހައުސްތަކުން ފަތުރުވެރިއެއްގެ ބޮލަކަށް ތިން ޑޮލަރު އަދި ސަފާރީ ބޯޓްތަކުން ބާބަކިއު ހަދާކަމަށްވާ ނަމަ ބޮލަށް ފަސް ޑޮލަރު ނަގަ އެވެ. އަދި ރަށުގެ ގެސްޓްހައުސްތަކުން ވެސް ކައުންސިލަށް ފައިސާ ދައްކަން ޖެހެ އެވެ.

ފައިސާ ނުދައްކާ ޓޫރިސްޓުން ރަށުން ފައިބަން ކައުންސިލުން ދަނީ އަންގަމުންނެވެ. މިކަމާ ގުޅިގެން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުންނާއި އަދި ވަރަށް ގިނަ އާއްމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.