މުސްލިމުންގެ ގޮތުގައި ތިބެ އަހަރުމެންގެ ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމައާ ގުޅުންހުރި ކޮންމެ ކަމަކީ ވެސް އަހަރުމެންނަށް ޝައުގުވެރި ކަންކަމެވެ.
ރަސޫލާގެ ހަޔާތްޕުޅުގައި ގެންގުޅުއްވި ތަކެތީގެ މިލްކިއްޔާތު ހޯދަން ގިނަ މުސްލިމް ވެރިން މަސައްކަތް ކުރި ނަމަވެސް އުސްމާނީ ޚިލާފަތުގައި އެތަކެތި ގެންދެވުނީ އެ ވެރިކަމުގެ ވެރިރަށް ތުރުކީގެ އިސްތަންބޫލް އަށެވެ.
މިއަދާ ހަމައަށް ވެސް އެތަކެތި ރައްކާތެރި ކުރެވިފައިވަނީ އެރަށުގެ "ޓޮޕްކަޕީ ޕެލެސް"ގަ އެވެ. މި ލިޔުމުގައި މި ބަލާލަނީ އޭގެ ތެރެއިން ބައެއް ތަކެއްޗަށެވެ.
ރަސޫލާގެ ކަންވާރު ކޮޅު
ކީރިތީ ރަސޫލާ ފެންފޮދު ހިއްޕެވި ކަމަށް ބުނެވޭ ކަންވާރު ކޮޅަކީ ޓޮޕްކަޕީ ޕެލެސްގައި ބެހެއްޓިފައިވާ އިސްލާމީ ތާރީހާ ގުޅުންހުރި ތަކެތީގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއްޗެކެވެ.
ރަސޫލާގެ އިސްތަށިފުޅު
ކީރިތި ރަސޫލާގެ ތުނބުޅިފުޅުގެ އިސްތަށްޓެއް ކަމަށް ބުނެވޭ އިސްތަށްޓެއް ޕްރޮޓެކްޓިވް ކޭސިންއެއްގެ ތެރޭގައި މިއަދުވެސް ފެންނަން އެބަހުއްޓެވެ.
ރަސޫލާގެ ތީރުކޮޅާއި އޭގެ އުރަކޮޅު
ރަސޫލާގެ ހަޔާތްޕުޅުގައި އެކަލޭގެފާނު ގެންގުޅުއްވި ކަމަށް ބުނާ ތީރުކޮޅާއި އޭގެ އުރަކޮޅަކީ ވެސް ޓޮޕްކަޕީ ޕެލެސްގައި ރައްކާ ކުރެވިފައިވާ އެއްޗެކެވެ.
ރަސޫލާގެ ފައިވާން ޖޯޑުކޮޅު
ޓޮޕްކަޕީ ޕެލެސްގައި ބެހެއްޓިފައިވާ ކީރިތި ރަސޫލާ ބޭނުން ކުރެއްވެވި ކަމަށް ބުނެވޭ ފައިވާން ޖޯޑުކޮޅުގެ ނަކަލުތައް ވެސް އެކި ގައުމުތަކުގައި ދައުރުވެ އެވެ.
ކީރިތި ރަސޫލާގެ ފައިންޕުޅުގެ ނިޝާން ކަމަށް ބުނެވޭ ނިޝާނެއް ޓޮޕްކަޕީ ޕެލެސްގައި ފެންނަން ހުރިއިރު އެއީ މުސްލިމުންގެ މެދުގައި ހާއްސަ ގަދަރެއް ދެވިފައިވާ އެއްޗެކެވެ.
ރަސޫލާގެ ކުރުތާކޮޅު
ކީރިތި ރަސޫލާގެ ކުރުތާކޮޅު ކަމަށް ބުނެވޭ ކުރުތާ ކޮޅެއް އެ ދާރުލް އާސާރުގައި ބެހެއްޓިފައިވާއިރު ބަލާ ބެލުމަށް އެ ކުރުތާ ކޮޅަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ އިތުރުން ވެސް އެކަލޭގެފާނުގެ އަސްހާބުންނާއި ދަރިކަނބަލުންގެ އިތުރުން ކުރީގެ ރަސޫލުންގެ ބައެއް ތަކެތި ވެސް ޓޮޕްކަޕީ ޕެލެސްގައި ބެހެއްޓިފައި އެބަހުއްޓެވެ.