އެމެރިކާއިން ޔަމަނަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.

މި ހަމަލާތަކުގައި މަދުވެގެން 31 މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ހަމަލާތައް ދީފައި މިވަނީ ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސްއަޅަމުންދާތާ ތިން ހަފްތާ ވުމާއި ގުޅިގެން ޔަމަނުގައި ހަރަކާތްތެރިވާ ހޫތީން ރަތް ކަނޑުގައި އިޒްރޭލާ ގުޅުންހުރި އުޅަނދުފަހަރަށް އަލުން ހަމަލާދޭނެ ކަމުގެ އިންޒާރުދިނުމާއި ގުޅިގެންނެވެ.

މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޫތީންނަށް ހަމަލާ ދޭނެކަމުގެ އިންޒާރު ދެއްވާފަ އެވެ.

ހޫތީން ހިންގާ ސިއްހީ މިނިސްޓްރީގެ ތަރުޖަމާނު އަނީސް އަލް-އަސްބަހީ ވިދާޅުވި ގޮތުގައި، އެމެރިކާއިން ޔަމަނަށް ދިން ހަމަލާތަކުގައި މަދުވެގެން 31 މީހުން މަރުވެ، އަދި 101 މީހުން ޒަޚަމްވެފައިވެ އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އެމެރިކާއިން ޔަމަނުގެ އެކި ސަރަޙައްދުތަކަށް ހަމަލާދިން އިރު، ޔަމަނުގެ ވެރިރަށް ޞަންޢާގައި އުޑުމަތިން ދުންތައް ފެނިފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެ އެވެ.

ޓްރަމްޕް މި ހަމަލާތަކުގެ ޚަބަރު އޭނާގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި އިޢުލާނުކުރެއްވީ ފްލޮރިޑާގައި ހުންނަ އޭނާގެ އެސްޓޭޓްގައި ގޯލްފް ކުޅުއްވަމުންނެވެ.

ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާއެކު މަދު ދުވަސްކޮޅަކަށް ހުއްޓުމަކަށް އައުމަށްފަހު އިޒްރޭލުގެ ބާރުތަކުން ޣައްޒާއަށް އެކިފަހަރު މަތިން ވަނީ ހަމަލާ ދީފަ އެވެ.

އިޒްރޭލުގެ ޓޭންކުތަކުން ޚާން ޔޫނިސްގެ އިރުމަތީގައިވާ އަބަސާން އަލް-ކަބީރާ އަދި އަލް-ޖަދީދާގެ އިރުމަތީ ސަރަޙައްދުތަކަށް ވެސް ހަމަލާތަކެއް ދީފައިވެ އެވެ. އިއްޔެ، އިޒްރޭލުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ހަމަލާތަކުގައި މަދުވެގެން 12 މީހުން ޝަހީދުވެފައި ވެ އެވެ. މީގެ ތެރެއިން ގިނަ މީހުން ޝަހީދުވެފައިވަނީ ބައިތު ލަހިޔާގައި ދެވުނު ޑްރޯން ހަމަލާއެއްގަ އެވެ.