މަސައްކަތަށް ހުރަސްއަޅައި, އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދާފައި ވަނިކޮށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަނަރު އަހުމަދު އިމާދު މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.

އިމާދު އިސްތިއުފާ ދެއްވީ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އޭނާ ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެމައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު އިމާދު ނެރުއްވި ބަޔާނުގައި ވިދާޅުވީ "މި ނިންމުން އަޅުގަނޑު މި ފައިސަލާކުރީ، މި ފަހުން، އެމްއެމްއޭ. އިން ނިންމާފައިވާ ނިންމުންތަކަކީ އަޅުގަނޑުގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީ" ކަމަށެވެ.

މި ފަހުން ދިމާވި އެންމެ ބޮޑު މައްސަލައަކީ ހުޅުމާލެއިން 22 ހެކްޓަރުގެ ބިން 14 ބިލިއަން ރުފިޔާ އަށް ގަނެ، އެޗްޑީސީ މެދުވެރިކޮށް އެ ފައިސާ ސަރުކާރުގެ ހަރަދުތަކަށް ދޫކުރަން އެމްއެމްއޭގެ ބޯޑުން ނިންމި ނިންމުމެވެ. އެ ނިންމުން ނިންމި ބައްދަލުވުމުގައި އިމާދު ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

އެމްއެމްއޭގެ ގަވަރުނަރު މުނައްވަރުގެ ވޯޓާއެކު ފާސްކުރި އެ ނިންމުން ރިވިއުކުރަން، އިމާދު ހިމެނޭހެން އެމްއެމްއޭގެ ބޯޑުގެ ތިން މެންބަރަކު ހުށަހަޅާފައިވެ އެވެ. ނަމަވެސް އެކަން ތާވަލެއް ނުކޮށް، އެއަށް ފަހު، އިމާދުގެ ގާނޫނީ ވާޖިބު އަދާކުރަން ހުރަސް އެޅުމުގެ ގޮތުން އެމްއެމްއޭގެ ސިސްޓަމްތަކަށް އޭނާއަށް ނުވަދެވޭ ގޮތް ވަނީ ހަދައިފަ އެވެ.

އިމާދުގެ ބަޔާނުގައި ވިދާޅުވީ އިތުރަށް ފައިސާ ޗާޕުކުރުމަކީ މިހާރުވެސް ބޭންކިން ނިޒާމުގައި ހުރި އެކްސެސް ލިކުއިޑިޓީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމެއް ކަމަށާއި، މީގެ ސަބަބުން އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށްޓަކައި އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ރުފިޔާގެ ލިކުއިޑިޓީ މެނޭޖްކުރުމަށް މިހާރުވެސް ކުރަންޖެހިފައިވާ ހަރަދު އިތުރުވެ، އެމްއެމްއޭގެ ބެލެންސް ޝީޓް ހީނަރުވެގެންދާނެކަން ފާހަގަ ކުރައްވައި އިމާދު ވިދާޅުވީ އެހެންވެ އިތުރަށް ފައިސާ ޗާޕްކުރުމަކީ، އެމްއެމްއޭގެ މައިގަނޑު މަގުސަދު ކަމުގައިވާ ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާ ސީދާ ފުށުއަރާނެ ކަމެއް ކަމަށެވެ.

"އަދިހަމަ، ފިސްކަލް ކޮންސޮލިޑޭޝަން ގެނައުމަށް ބާރު އެޅުމުގެ ބަދަލުގައި، ފިސްކަލް ސިޔާސަތު އިތުރަށް ހީނަރުވެގެން ދިޔުމަށް މަގުފަހިވިގެންދާނެ،" އިމާދު ވިދާޅުވި އެވެ.

"ވީމާ، އަޅުގަނޑު ސަރުކާރުގެ ކިބައިން އެދެނީ ފިސްކަލް ޒިންމާދާރުކަމަށް އިސްކަންދީ، އެމްއެމްއޭގެ މިނިވަންކަން ހިމާޔަތްކޮށް އަދި މެކްރޯއިކޮނޮމިކް ހަރުދަނާކަން ޔަގީންކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް."

އިމާދު ވިދާޅުވީ އޭނާގެ ހިދުމަތުގެ ދައުރުގައި، އިގުތިސާދީ ހާލަތުގެ ގޮންޖެހުންތަކަށް އެކަށީގެންވާ ގޮތުގައި އިޖާބަ ދެއްވި ކަމަށާއި ބޭރު ފައިސާގެ ބާޒާރުގެ މުހިންމު އިސްލާހުތައް ގެނައުމާއި، މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މުހިންމު ދައުރެއް އަދާކޮށްފައިވާނެ އެވެ.

"މި ދާއިރާގައި އަޅުގަނޑުގެ ބައިވެރިވުން ފެންނާނެ ކަންކަމުގައި ތެރޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) ގެ ތަރައްގީ އާއި، މާލީ ބައިވެރިވުން ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކާއި، ބޭރު ފައިސާއާބެހޭ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތްތަކާއި، އެމްއެމްއޭގެ ދެމެހެއްޓެނިވި މާލީ އިސްނެގުންތައް ކުރިއެރުވުން ހިމެނޭ. މީގެ މުހިންމު އެއް ކާމިޔާބީއަކީ ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސިންގ ރޯޑްމެޕް އެކުލަވާލުމުގެ މަސައްކަތްތައް. މި ރޯޑްމެޕްގައި ތިމާވެށި، އިޖްތިމާއީ އަދި ގަވަނަންސްގެ އުސޫލުތައް (އެންވަޔަރމަންޓަލް، ސޯޝަލް އެންޑް ގަވަނަންސް - އީއެސްޖީ ޕްރިންސިޕަލްސް) މާލީ ދާއިރާއާ އެކުލެވިފައިވާ ގޮތުގެ އޮނިގަނޑެއް," އިމާދު ވިދާޅުވި އެވެ.

"ގޮންޖެހުންތައް ކަޑައްތުކޮށް، ހަމަޖެހިފައިވާ އިގުތިސޯދީ މާހައުލެއް ދެމެހެއްޓުމަށް ފައިސާގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރެވުނު މަސައްކަތްތަކާމެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ,"

އިމާދު ޑެޕިއުޓީ ގަވަރުނަރަކަށް 2020 ގައި އައްޔަން ކުރެއްވިއިރު ވެސް އޭނާ ގެންދެވީ އެމްއެމްއޭގައި ވަޒީފާ އަދާކުރައްވަމުންނެވެ. އޭނާ ވަނީ އިނގިރޭސިވިލާތުން މާސްޓާސް އޮފް ސައިންސް، އިކޮނޮމިކްސް، އެންޑް ފައިނޭންސް ފުރިހަމަ ކުރައްވައިފަ އެވެ. އެ ދާއިރާއިން ބެޗެލާސް ޑިގްރީ ހެއްދެވީ މެލޭޝިއާއިންނެވެ.