އިތުރު ތަފްސީލް އަޕްލޯޑުކުރެވޭނެހެން ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 4،000 ފްލެޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމަވާފައި ވަނީ ޝަކުވާ ހުށައެޅުމަށް ދީފައިވާ މުއްދަތުގެ ތެރެއިން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައިވާތީ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެހެންކަމުން ފްލެޓު ލިސްޓާއި ގުޅިގެން ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިތުރުކޮށްފައިވާ ކަމަށްހައުސިން މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ޝަކުވާ ހުށައެޅުމުގެ މުއްދަތަށް ގެނައި ބަދަލާއެކު ޝަކުވާ ހުށައަޅާއިރު ބޭނުންވާ އިތުރު ތަފްސީލީ ލިޔެކިޔުންތައް ޕޯޓަލްގެ ތެރެއިން އަޕްލޯޑުކުރުމުގެ ފުރުސަތު ވެސް މިހާރު އޮންނާނެ ކަމަށެވެ.
އެގޮތުން ފްލެޓު ލިބޭ މީހުންގެ ލިސްޓު ވެރިފައިކުރުމުގެ މަރުޙަލާގައި ކަން ހިންގާފައިވާ ގޮތަށް ރިއާޔަތްކޮށް ވެރިފިކޭޝަނަށް ފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށައަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުންގައި ހުރި މައުލޫމާތުތަކުގެ ތެރެއިން ހައުސިން މިނިސްޓްރީއަށް ބެލެންހުރި މަޢުލޫމާތުތައް ބަލައި ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި އިތުރު ލިޔެކިޔުންތައް ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންނާއި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓް ސަރުކާރުގެ ފަރާތުން އިޢުލާންކޮށްފައި ވަނީ މިދިޔަމަހުގެ 27 ވަނަ ދުވަހު އެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ އެއްވަނަ ދުވަހު ވަނީ ހުޅުވާލާފަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ މިހާރު އިޢުލާންކޮށްފައިވާ ލިސްޓްގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފްލެޓްތައް ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ އަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން މިމަހުގެ ނިޔަލަށް ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑަނާޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ، ފްލެޓު ލިބެނީ 1،820 މީހުންނަށެވެ. އެއީ 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1،423 މީހުންނާއި 2 ކޮޓަރީގެ ލިސްޓުގައިވާ 1،218 މީހުންގެ ތެރެއިން ޝަރުތުހަމަވެ، 73 ޕޮއިންޓު ލިބުނު 397 މީހުންނެވެ.