ބޮޑު މުސާރައާ އެކު އެމްއޭސީއެލް އިން ވަޒީފާ ދީފައިވާ ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް މަރިޔަމް ޝިއުނާއާ ގުޅޭގޮތުން ފުލުހުން ތަހުގީގުކުރި މައްސަލަ އޮއްބާލުމަށްފަހު އެ މައްސަލަ ސަރުކާރުން ފައިލްކޮށްފި އެވެ.

ޝިއުނާއާ ގުޅޭގޮތުން ފުލުހުން ތަހުގީގުކުރި މައްސަލަ އަކީ ހަރުކަށި ކަމާއެކު ނުކުމެ، ލޭ އޮހޮރުވުމަކުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަން ވެއްޖެ ކަމަށް ބުނެ އެކްސްގައި އޭނާ ކުރި ޕޯސްޓްގެ މައްސަލަ އެވެ.

ލޭއޮހޮރުވައިގެން ރައީސް ސޯލިހުގެ ވެރިކަން ނިންމަންޖެހޭ ސަބަބެއް ކަމަށް ޝިއުނާގެ ޕޯސްޓްގައި ބުނެފައި ވަނީ އެމަނިކުފާނަކީ މުސްލިމުންގެ މައްޗަށް އަނިޔާވެރިވަމުންދާ ޖައްބާރެއް ކަމަށް ބުނެ އެވެ. ނަމަވެސް އަނިޔާވެރިވުމުގެ ގޮތުން ރައީސް ސޯލިހު ކުރެއްވި ކަމެއް އެ ޕޯސްޓްގައި ބުނެފައެއް ނުވެ އެވެ.

ޝިއުނާ އެކްސްގައި ކުރި އެ ޕޯސްޓަކީ ފާޅުކަން ބޮޑުކޮށް އެންމެނަށް ފެންނަން އޮތް އެއްޗަކަށްވާއިރު، ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވަޑައިގަތްފަހުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުން ނިންމީ އެ މައްސަލާގައި އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ފައިލްކުރާށެވެ.

ފުލުހުން ދޫކޮށްފައިވާ މައްސަލަ ނިންމިގޮތުގެ ލިޔުމުގައި ވަނީ ޝިއުނާގެ ޕޯސްޓްގެ އެސެސްމެންޓެއް ހެދިއިރު، އެފަދަ ހާލަތެއް ކުރިމަތިކުރެވިދާނެ އެކަށީގެންވާ ސަބަބުތަކެއް ވުޖޫދުވެފައިވާ ކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ އެ މައްސަލަ ފައިލްކުރީ ކަމަށް ފުލުހުން ބުނެ އެވެ.

ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު، ބޮޑު މުސާރަދީގެން މުވައްޒަފެއްގެ ގޮތުގައި ސިޓީ ކައުންސިލްގައި ޝިއުނާ ގެންގުޅުނެވެ. އެއަށްފަހު ވެރިކަމަށް ވަޑައިގެން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އޭނާއަށް ދެއްވި އެވެ. ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް އެކްސްގައި ކުރި ޕޯސްޓްތަކާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުމާއެކު މުސާރަ ލިބޭގޮތަށް އޭނާ މަގާމުން ސަސްޕެންޑުކޮށްފައި އެތައް މަހެން ވަންދެން ގޭގައި ބެހެއްޓެވި އެވެ.

އެއްވެސް މަސައްކަތެއް ނުކޮށް ސަސްޕެންޝަންގައި ބަހައްޓައިގެން ބޮޑު މުސާރަ ދޭތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ރައީސް މުއިއްޒުގެ އެންގެވުމަށް ޝިއުނާ މަގާމުން އިސްތިއުފާދެއްވި އެވެ. އެއަށްފަހު ރައީސް މުއިއްޒުގެ އެންގެވުމަށް އެމްއޭސީއެލް އިން ވަނީ ކުރިޔަށް ވުރެ ބޮޑު މުސާރައާއެކު އޭނާއަށް ވަޒީފާއެއް ދީފަ އެވެ.

އެ މަގާމުގައި ހުރެގެން އެއްވެސް މަސައްކަތެއް ނުކޮށް އޭނާ ގެންދަނީ އެ ކުންފުނީގެ އިސްވެރިންނާ އެއްވަރުގެ ބޮޑު މުސާރަ ނަގަމުންނެވެ. އެމްއޭސީއެލްގެ މަސައްކަތެއް ނުކުރި ނަމަވެސް އޭނާ ގެންދަނީ ރައީސް މުއިއްޒަށް ސަނާ ކިޔައި އަދި ސޯޝަލް މީޑިއާގެ ޕޭޖްތަކުގައި ސިޔާސީ މީހުންނަށް ފުރައްސާރަކޮށް އެކި ޕޯސްޓްތައް ކުރަމުންނެވެ.

މީގެ ކުރިން އެމްއޭސީއެލްގެ ޑިއުޓީ ފްރީގައި ވަޒީފާ އަދާކުރިއިރު އެތަނުން ވައްކަންކޮށްގެން ކަނޑާލި ކަމަށް އަޑުއިވިފައިވެ އެވެ. އެހެންވެ އޭނާއަށް އަލުން އެމްއޭސީއެލް އިން ވަޒީފާ ދިނުމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔާފައިވެ އެވެ.

ރައީސް މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި ވެސް ކުންފުނިތަކުގެ މުވައްޒަފުން އަމަލުކުރާ އާންމު އުސޫލާ ހިލާފަށް ޝިއުނާ ބައިވެރި ކުރެ އެވެ. އެ ދަތުރުތަކުގައި ވެސް އޭނާ ކުރާ މަސައްކަތަކީ ސޯޝަލް މީޑިއާގައި ރައީސް މުއިއްޒަށް ސަނާކިޔައި ޕޯސްޓްތައް ހެދުމެވެ.