ރޯދަ މަހުގެ ފަހު 10ގައި އޮފީހަށް ނުކުމެ މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް އެ ދުވަސްތަކަށް އިތުރު އެލަވަންސް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅައި މިއަދުން ފެށިގެން ބަންދު ކޮށްފައިވާއިރު، މި ދުވަސްތަކުގައި އޮފީހަށް ނުކުމެ މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް އިތުރު އިނާޔަތް ދިނުމާ ގުޅޭ ގޮތުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް އިސްލާހު ގެނެސް ޕޭކޮމިޝަނުން މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.
މި އިސްލާހުގައި ވާގޮތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދިނުމާއި، މި ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ބަލައި މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައި އިތުރު އިނާޔަތެއްގެ ގޮތުގައި ދޭންޖެހެ އެވެ.
މީގެ އިތުރުން ފަހު 10 އަށް އިތުރުގަޑީގެ ފައިސާ ދޭނީ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ބަލައިގެން؛ މިހާރު ކަނޑައެޅިފައިވާ %10 ތެރޭގައި މި ދުވަސްތައް ނުހިމަނައި، މުވައްޒަފުން މަސައްކަތްކުރާ ހުރިހާ ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ވަނީ ނިންމާފަ އެވެ.
ޕޭ ފްރޭމްވާކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު 10 ދުވަހުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އޮފީހަށް ހާޒިރުނުވި ނަމަވެސް ހާޒިރީ އިނާޔަތް ލިބޭނޭ ކަމަށް އުސޫލުގައިވެ އެވެ.
ފަހު 10ގެ ބަންދު ދުވަސްތަކާއި އީދު ޗުއްޓީއަށް ފަހު ދެން ސަރުކާރު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހެވެ.