ރަމަޟާން މަސް ފާއިތުވަމުން ގޮސް އެމަހުގެ ފަހު ދިހައަކާ އަޅުގަނޑުމެން ކުރިމަތިލައިފީމު އެވެ. އަޅުކަމާއި ޒިކުރުކުރުން އިހުނަށްވުރެ ގިނަކުރަންވީ ދުވަސްތައް އައިސް ޖެހުނީ އެވެ.

ފަހު ދިހައިގެ ދުވަސްތަކަކީ އަޅުގަނޑުމެން އެންމެން ވެސް އަޅުކަމުގައި ހީވާގި ވާންވީ ދުވަސްވަރެކެވެ. އެއީ އެ ދުވަސްތަކުގައި ކުރެވޭ ހެޔޮ އަމަލުތަކުގެ ސަވާބު ތިންގުނަ އިތުރު ކުރެވޭ ދުވަސްތަކެކެވެ.

އަދި ހަމަ އެހެންމެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއެއްގައި އަންނަ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ލައިލަތުލް ޤަދުރި ވިލޭރޭގެ ދަރުމައާއި ހެޔޮކަން ލިބުމަކީ މި ދުނިޔެ މަތިން އަހަރުމެންނަށް ލިބޭނެ އެންމެ މާތް އެއް ޝަރަފެވެ.

އެހެންކަމުން ވީވަރަކުން ރޭއަޅުކަމުގައި ގިނަވަގުތު ހޭދަކުރެވޭތޯ ބަލަންވީ އެވެ. ސަދަގާތް ކުރުން އިތުރު ކުރަންވީ އެވެ. ޤުރުއާން ކިޔެވުން ގިނަ ކުރަންވީ އެވެ.

ޔަތީމުންނާއި މިސްކީނުންނަށް އަޅާލާ ކަމޭ ހިތަންވީ އެވެ. ރަމަޟާން މަހުގެ މަގްސަދު ހަނދުމަކޮށް އެ މަގުސަދު ހާސިލް ކުރުމަށް މަސައްކަތް ކުރަންވީ އެވެ.

މިއާއެކު ފަހު ދިހައިގެ ހެޔޮކަމުގައި ކުޑަ ކުދިންވެސް ބައިވެރި ކުރުމަށް ހަނދާން ކޮށްދެމެވެ. އެ ކުދިންނާއެކު ހެޔޮ އަމަލުތައް ކުރަން އާދަ ކުރާށެވެ.

ފަހު ދިހަ އަކީ މުޅި އާއިލާ އެއްކޮށް އެދުވަސްވަރުގެ ދަރުމަ އާއި ސަވާބު ހޯދަން މަސައްކަތް ކުރާ ދުވަސްވަރެއް ކަމުގައި ހަދާށެވެ. ފަހު ދިހެއްގެ އަޅުކަމަށް އަތުކުރި އޮޅާލާށެވެ.