މިއަހަރުގެ "ރޯދަ މަލާފަތް" ސެގްމެންޓްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ދިވެހިންގެ ރަހަތަކާ ގުޅޭ ދިވެހި ކެއުންތައް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.

އެންމެ ކުރީއްސުރެ ކުޅި ރިހައަކީ ގިނަ ދިވެހިންގެ "ފޭވަރިޓްސް"ގެ ތެރޭގައި ހިމެނޭ ކެއުމެކެވެ. ބަތާއި ރޮށްޓާއެކު ކާލަން އަދިވެސް ހަމަ މިވަރެއް ނެތޭ ދެންނެވިދާނެ އެވެ.

ބޭނުންވާ ތަކެތި

  • 400 ގުރާމު ކަނޑުމަސް (ކިއުބްކޮށް ކޮށާފައި)
  • 1/2 ސައިސަމުސާ ދިރި
  • 10 ހިކިމިރުސް
  • 4 ލޮނުމެދު (ތުނިކޮށް ކޮށާފައި)
  • 1 މޭޒުމަތީ ސަމުސާ އަސޭމިރުސް އޮށް
  • 2 ފިޔާ (ކޮށާފައި)
  • 2 ޖޯޑު ކާށިކިރު
  • 1 ގިތެޔޮ މިރުސް (4 ފަޅި ކޮށްފައި)
  • 1 ޓޮމާޓޯ (ކޮށާފައި)
  • 2 ބިލިމަގު
  • 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 1/2 ސައި ސަމުސާ އޯބަތް
  • 1/2 އިންޗި އިނގުރު
  • 10-15 ހިކަނދިފަތް
  • 2 އިންޗި ފޮނިތޮށި
  • 4-5 ކާފުރު ތޮޅި
  • 2 ރާނބާ ފަތް (ބުރި ބުރި ކޮށްފައި)
  • 1 ސައި ސަމުސާ ލޮނު
  • 2 މޭޒުމަތީ ސަމުސާ ތެޔޮ

ތައްޔާރު ކުރާނެ ގޮތް

  1. ދިރި، ހިކި މިރުސް، 1 ފިޔާ، 2 ލޮނުމެދު އަދި އިނގުރު އެއްކޮށް ޕޭސްޓް ގަނޑަކަށް ވަންދެން މިކްސްޗަރުން ފުނޑާލުމަށްފަހު އެއްފަރާތް ކުރާށެވެ. މިކަމުގައި ކުޑަ ފެން ފޮދެއް ބޭނުން ކުރެވިދާނެ އެވެ.
  2. ތެއްޔަކަށް ތެޔޮކޮޅު އަޅައި ހޫނު ކޮށްލުމަށްފަހު ބާކީހުރި ފިޔާ، ލޮނުމެދު، ރާނބާފަތް، ހިކަނދި ފަތް، ފޮނިތޮށި އަދި ކާފުރުތޮޅި އަދި ގިތެޔޮ މިރުސް އަޅައި ރަނގަޅަށް ރަތް ކޮށްލާށެވެ.
  3. ފިޔާކޮޅު ރަނގަޅަށް ރަތް ވުމުން ޓޮމާޓޯ ޕޭސްޓް އަޅައި އެއްކޮށްލުމަށްފަހު ދެތިން މިނެޓް މަޑު ގިނީގައި ކައްކާލާށެވެ. ދެން އެއްފަރާތްކުރި ހަވާދުގަނޑު އަޅައި އިތުރަށް ކައްކާށެވެ.
  4. ހަވާދުގަނޑު ހޫނުވެ ބޮކި ޖަހަން ފެށުމުން މަސްކޮޅު އަޅައި ހަވާދުގަނޑާ ރަނގަޅަށް އެއްކޮށްލުމަށްފަހު ރޯފިލުވާށެވެ.
  5. އެއަށްފަހު ކިރުކޮޅު އަޅައި އެއްކޮށްލުމަށްފަހު ލޮނު ހެޔޮވަރުކޮށް ކެކިގަންނަންދެން ކައްކާށެވެ.
  6. ކެކިގަތުމުން ކުޑަ ބޯކިރު ކޮޅެއް އަޅާށެވެ.