އަތޮޅުތަކުގެ 55 ރަށެއްގައި އިމާރާތްކުރާ ކައުންސިލް އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް ކޮންމެ ރަށަކުންވެސް އެރަށެއްގެ ރައްޔިތުން ހިމެނޭގޮތަށް މޮނިޓަރިން ކޮމިޓީއެއް އެކުލަވާލުމަށް ސިޓީސް މިނިސްޓްރީން ނިންމައިފި އެވެ.
މިކަން ހާމަކުރައްވަމުން މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ 55 ކައުންސިލްގެ މަސައްކަތް ކުރިއަށްދާއިރު ކޮންމެ ރަށެއްގައިވެސް އެ ރަށުގެ ރައްޔިތުން ޝާމިލުވާ މޮނިޓަރިން ކޮމިޓީއެއް ހިމެނިގެންދާނެ ކަމަށާއި މިގޮތަށް ކުރިއަށްގެންދިއުމުގެ ބޭނުމަކީ މިކަމުގައި ކައުންސިލްތަކުގެ ހިއްސާ އިތުރުކުރުން ކަމަށެވެ.
މިހާރު ބިންގާ އަޅާފައިވާ ހއ. ރ. އަދި ދ. އަތޮޅުގެ 17 ކައުންސިލް އިދާރާގެ ސިވިލް މަސައްކަތްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި އެ އިމާރާތްތަކުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށްޓަވާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. އެ މަސައްކަތް ކުރެވޭނީ ކައުންސިލްތައް މެދުވެރިކޮށް، ރަށްރަށުގައި ތިބި މަސައްކަތްތެރިންނަށް ފުރުސަތު ލިބޭގޮތަށްކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން އަޅަން ނިންމާފައިވާ 55 ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށްއޮތް ދެ އަހަރާ ހަމަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށްވެސް ވިދާޅުވި އެވެ.