ރައީސް ޑރ. މުހައްމަދު މުއިއްޒު އިމިގްރޭޝަންގެ ކޮންޓްރޯލަރު ކަމުން މުހައްމަދު ޝަމްއާން ވަހީދު ވަކިކުރައްވައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވީ ޝަމްއާން މަގާމުން ވަކިކުރެއްވީ މިރޭ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން ވަކިއެއްޗެއް ނުބުނެ އެވެ.

އިމިގްރޭޝަނުގައި 14 އަހަރު މަސައްކަތް ކުރެއްވި ޝައްމާނަށް އިމިގްރޭޝަން ކޮންޓްރޯލަރުކަން ދެއްވީ މި ސަރުކާރު ވެރިކަމަށް އައިސް ނޮވެމްބަރު 19، 2023ގަ އެވެ. އޭރު އޭނާ ހުރީ އިމިގްރޭޝަންގެ އޮފިސަރުކަމުން ވަކިކޮށްފަ އެވެ. އޭނާ އިމިގްރޭޝަން އޮފިސަރުކަމުން އޭރު ވަކިކުރީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

ޝަމްއާނަކީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށްވާތީ އޭނާ މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތަކެއް މީގެކުރިން ފެތުރިފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ވެސް ވަނީ ވަކިކުރައްވާފަ އެވެ. އަދި އޭނާގެ އަބްދުއްރަހީމްގެ ދަރިކަލުންގެ ބަފައިބެ މުހައްމަދު ވަޖީހު އިބްރާހީމް ވެސް ވަނީ އެމްޕީއެލްގެ ސީއީއޯކަމުން ވަކިކޮށްފަ އެވެ.

ސަރުކާރުގެ އެކި މަގާމްތަކުގައި ތިބެވި ތައުލީމީ ގާބިލް ބޭފުޅުން ގެންދަވަނީ މަގާމުތަކުން އިސްތިއުފާދެއްވަމުންނެވެ.