ޗައިނާ އިން ދިވެހި ސަރުކާރުގެ ކުންފުނިތަކަށް ދީފައި ހުރި ލޯންތައް ދެއްކުން ފަސްކޮށް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ޗައިނާ އިން ސަރުކާރުގެ އެކިއެކި ކުންފުނިތަކަށް ލޯން ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަދަ ސަރުކާރުގެ ކުންފުނިތައް ހިމެނެ އެވެ.
ޗައިނާ ސަފީރު، ޓުވިޓާގައި އާންމު ކުރެއްވި ކުރު ވީޑިއޯއެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެ އިން ޗައިނާ އަށް އަދާ ކުރަން ޖެހޭ ދަރަނިތައް ދެއްކުމުގައި ދަތިތަކެއް ހުރި ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ލޯން ދެއްކުމަށް ގެންގުޅޭ އުސޫލަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށް ވެސް ޗައިނާ ސަފީރު ވިދާޅުވި އެވެ.
"އޮފިޝަލުންނާ ވާހަކަ ދައްކައިގެން އަޅުގަނޑަށް ލިބުނު މެސެޖަކީ ހަމަ ދާދި އެކައްޗެއް. ޗައިނާ އަށް ގަބޫލު ކުރެވޭ ރާއްޖެ އަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތު. ދެ މިނެޓެއްހާ އިރުގެ ވީޑިއޯ މެސެޖްގައި ޗައިނާ ސަފީރު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ޗައިނާ އިން ދޫކުރި ގިނަ ލޯންތަކަކީ ގިނަ އަދަދެއްގެ ސަރުކާރުގެ ކުންފުނިތަކަށް ދޫކޮށްފައި ހުރި ލޯންތަކަކަށްވާތީ، މި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ހާސިލްވާނެ ކަމަށް ވިދާޅުވި އެވެ.
ދާދި ފަހުން ބީބީސީން ނެރުނު ރިޕޯޓަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖެ އިން ޗައިނާ އަށް ދައްކަން ޖެހޭ ދަރަނި 3.1 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އެއީ ސަރުކާރަށް ދީފައިވާ ލޯނުތަކާއި ސަރުކާރުގެ އެކި ކުންފުނިތަކަށް ދީފައިވާ ލޯނުތަކާއި ސަރުކާރުން ގެރެންޓީ ދީގެން އަމިއްލަ ކުންފުނިތަކަށް ދީފައިވާ ލޯނުތައް ހިމަނައިގެން އަރާ ވަރު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، ލިޔެކިޔުންތަކުން ފެންނަން އޮތީ 1.1 ބިލަން ޑޮލަރުގެ ލޯން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ވިދާޅުވީ، ޗައިނާގެ ލޯނުތަކަކީ ދަރަނީގެ މަޅިއެއްގެ ގޮތުގައި ސިފަ ކުރައްވައި ދައްކަވަނީ "ހިޔާލީ ވާހަކައެއް" ކަަމަށެވެ. އަދި ޗައިނާއަށް ދައްކަން ޖެހެނީ އެއް ބިލިއަން ޑޮލަރުގެ ލޯނެއް ކަމަށާއި ނަޝީދު ދައްކަވަނީ މިނަށް ވުރެ ބޮޑު އަދަދެއްގެ ވާހަކަ ކަމަށް ވިދާޅުވި އެވެ.