މިއަހަރުގެ "ރޯދަ މަލާފަތް" ސެގްމެންޓްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ދިވެހިންގެ ރަހަތަކާ ގުޅޭ ދިވެހި ކެއުންތައް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.

އެގޮތުން މިއަދު މި ގެނެސްދެނީ ދިވެހި ކެއުންތަކުގައި ވަރަށް އާއްމުކޮށް ބޭނުން ކުރެވޭ ބަރަބޯއިން ތައްޔާރު ކުރެވޭ ދިވެހިވަންތަ ރަހަތައް އެކުލެވޭނެ ޒަމާނީ ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 2 ޖޯޑު ފުށް
  • 1 ½ ޖޯޑު ހަކުރު
  • 1 ސައިސަމުސާ ބޭކިން ސޯޑާ (ފުރާނާފައި)
  • 2 ސައިސަމުސާ ބޭކިން ޕައުޑަރު
  • 2 ސައިސަމުސާ ފޮނިތޮށި
  • 3 ބިސް
  • 1 ޖޯޑު ތެޔޮ
  • 2 ޖޯޑު ބަރަބޯ ޕޫރީ (ކައްކާފައި ނުވަތަ ފިހެފައި)

ތައްޔާރު ކުރާނެ ގޮތް

  1. 180 ޑިގްރީ އަށް އަވަން ހޫނުކުރަން ޖައްސާށެވެ. އަދި 9 އިންޗި 13 އިންޗީގެ ޓްރޭއެއްގައި ބަޓަރު ނުވަތަ މާޖިރިން ހާކައި ޓްރޭ ތައްޔާރު ކުރާށެވެ.
  2. ފުން ތަށްޓެއްގައި ފުށާއި ހަކުރާއި ބޭކިން ސޯޑާ އަދި ބޭކިން ޕައުޑަރާއި ފޮނިތޮށި އެއްކުރާށެވެ.
  3. އެހެން ތަށްޓެއްގައި ބިހާއި ތެޔޮ އަދި ބަރަބޯ އެއްކުރާށެވެ.
  4. ބަރަބޯ ރަނގަޅަށް އެއްވުމުން ފުށް ތަށީގެ ތެރެއަަށް އަޅައި އޮމާން ވަންދެން އެއްކުރާށެވެ.
  5. ދެން ކުރިން ތައްޔާރުކުރި ޓްރޭއަށް އެޅުމަށްފަހު އަވަނުގައި ފިހާށެވެ. ބައިގަޑިއެއްހައި އިރުން ރަނގަޅަށް ފިހެވޭނެ އެވެ.