ރަސްމާލެ މަޝްރޫޢު ހިއްކުމުގެ މަސައްކަތުގެ ދަށުން ހަތަރު ސަރަޙައްދަކުން 52.15 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން މިވަގުތު "އޭރިއާ ޑީ، އެފް، ޖީ އަދި އެލް" ހިމެނޭ ސަރަޙައްދުތަކުން 52.15 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. މި ސަރަޙައްދުތަކުން ޖުމުލަ 378 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން "އޭރިއާ ޖޭ"ގައި ހިމެނޭ 29 ހެކްޓަރު ހިއްކާ ވަނީ ނިންމާފަ އެވެ. އެޗްޑީސީން ބުނީ އިތުރު ސަރަޙައްދުތައް ހިއްކުމަށްޓަކައި އެތަންތަނުގައި ހުރި މުރަކައިގެ ދިރުންތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ"އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ރަސްމާލެ މަޝްރޫއު އިއުލާންކޮށް އަމަލީ މަސައްކަތް ފަށާފައިވަނީ 18 ޑިސެމްބަރު 2023 ގަ އެވެ. މަޝްރޫއުގައި މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާއިރު، ރަސްމާލެގެ ހިއްކަން ފުރަތަމަ ހަވާލުކުރީ ކެޕިޓެލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ. އެއީ އެ ކުންފުންޏަށް ހުޅުމާލެއިން ބޮޑު ބިމެއް ދޭގޮތަށެވެ. ނަމަވެސް އެ ކުންފުންޏަށް އެކަން ނުވެގެން އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ.

ރަސްމާލެ ހިއްކަމުންދާއިރު، މާލެއާ ބުރިޖަކުން ގުޅޭލެވޭ ގުޅިފަޅާއި ގިރާވަރުފަޅުގެ ބިންހިއްކުން ވަނީ ހުއްޓިފަ އެވެ. އަދި ހުޅުމާލެ ފޭސް 3 ގެ ބިންހިއްކުން ވެސް ކުރިއަކަށް ނުދެ އެވެ.