ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ޖޭއެސްސީން މައްސަލަތަކެއް ބަލަން ފެށުމުން ފަނޑިޔާރުކަމުގެ މަގާމުން ހުސްނުއް ސުއޫދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު ޢައްޔަންކުރައްވައިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވެ އެވެ. އެގޮތުން 10 މެންބަރަކު އެ ކޮމިޝަނަށް އައްޔަންކުރަން ޖެހޭނެ އެވެ. މީގެ ތެރޭގައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު މެންބަރަކަށް ހުންނަން ޖެހޭނެ އެވެ.