މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވަގު ލޭބަލް ނުވަތަ ވަގު ޓެގުން ސަލާމަތްކުރަން ބޭނުންވާނަމަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ ބައްދަލުވުންތައް ލައިވް ކޮށް ކުރިއަށް ގެންދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މީކާއީލް މިހެން ވިދާޅުވީ ވެންޓިލޭޓަރު ކޮރަޕްޝަނަށް އިންސާފު ހޯދުމަށް މިއަދު އިދިކޮޅުން ހުށައެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

މި ކުއްލި މައްސަލަ ހުށައަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ މިމައްސަލައިގައި ޝަމީމްއަށް ކުރިމަތިވެގެން އުޅެނީ ކޮންކަހަލަ ނުފޫޒެއް ކަމެއް ސާފުނުވާކަމަށެވެ.

"މަނިކުފާނު ވިދާޅުވެފައި މިވަނީ ވައްކަން ކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާކަށް ބޭނުމެއް ނޫނޭ. އެމްޑީޕީގެ ރައީސްއަކީ މަނިކުފާނު. މި ސަރުކާރުން ވައްކަންކުރިކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް މިއަދު ގަބޫލުކުރާނެ. އެމްޑީޕީ ބޮޑުފަޅީގައި އޮވެގެން ހިންގާ ސަރުކާރެއްގައި ހިންގާފައިވާ މި ކޮރަޕްޝަނަކީ ހަމަ ސީދާ ސަރުކާރު ބައިވެރިވާ، ސަރުކާރުން ހިންގާ ކޮރަޕްޝަނެކޭ. މިކަން މިގޮތަށް ހިނގާ ދިޔައިމަ މިއަށް ކިޔާނީ ވަގު. ވައްކަން. އެހެންވީމަ މިސަރުކާރަކީ ވަގުސަރުކާރެކޭ ނުބުނެވޭނެ އެއްވެސް ގޮތެއްނެތް،". އާދަމް ޝަރީފް ވިދާޅުވިއެވެ.

ބަހުސްގެ ވަގުތުގައި ވާހަކަދައްކަން ފުރުސަތު ހޯއްދަވާ މީކާއީލް ވިދާޅުވީ 18 އަހަރު ނުފުރެނީސް އެ ޕާޓީއަކަށް ޝައުގުވެރިކަން އުފެދި އަދި 18 އަހަރު ފުރުމާއެކު އެޕާޓީއަކަށް ސޮއިކޮށް މިއަދާހަމައަށް އެޕާޓީގެ އަސާސްތަކާ ސިޔާސަތުތަކަށް ތާއީދު ކުރަމުންއައި އެމްޑީޕީގެ އަމަލުތަކުން މިއަދު އޭނާ ލަދުގަންނަ ކަމަށެވެ. އަދި މިކަންކަންމުގެ ސަބަބުން އެމްޑީޕީ ސަރުކާރުގެ ބޮލުގައި ވަގު ޓެގު އެޅެމުންދާތީ ހިތާމަ ކުރާކަމަށެވެ.

"މި ޕާޓީ [އެމްޑީޕީ] ވަގު ލޭބަލްއިން ސަލާމަތް ކުރަން ބޭނުން ވާނަމަ ކުރަންޖެހޭ މުހިންމު އެއް ކަމަކީ އަޅުގަނޑުމެންގެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގް މީޓިންތައް ލައިވް ކުރުން. އަޅުގަނޑު އެކަން މިއަދު ޕާލަމަންޓްރީ ގްރޫޕް ލީޑަރަށް ހުށަހަޅާނަން. މިކަންކަން އަޅުގަނޑުމެން ކުރަން ޖެހޭ. 65 ގޮނޑި އަޅުގަނޑުމެންނަށް ދިނީ ޒިންމާތަކަކާއެކު. ބާރުތަކެއް އެކަންޏެއް ނޫން. އެއީ އަޅުގަނޑުމެން މާލިއްޔަތުގެ ގާނޫނަށް ހުރުމަތްތެރިކަން ހިތާނެކަމުގެ ޒިންމާ. ގާނޫނު އަސާސީއަށް ހުރުމަތްތެރިކަމަށް ހިތާނެކަމުގެ ޒިންމާ،" މީކާއީލް ވިދާޅުވި އެވެ.

އޭގެ އިތުރަށް ހެލްތް މިނިސްޓަރަކަށް އެހާވަރުގެ ތުހުމަތުތަކެއް ކުރެވިގެން ދިޔައިރު އޭނާއަށް މަގާމްގައި ހުރެވިގެން ނުވާނެ ކަމަށާއި އެހެންނަމަވެސް ފެނިގެންދިޔައީ ސަރުކާރެއްގެ ސިފައިގައި، އަންނަން ޖެހޭ އަވަސް މިނުގައި މިކަންކަމުގައި ފިޔަވަޅު އެޅިގެން ނުދިޔަތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޤާނޫނުއަސާސީން ޕްރޮސެކިއުޓަ ޖެނެރަލްއަކީ މުސްތަގިއްލު މީހެއް ކަމަށް ބުނާ ކަމަށާއި އެހެންނަމަވެސް އެކަން ގަބޫލުކުރަން މިއަދު ހިތަށް ކުޅަދާނަ ނުވަނީ އަނެއް ދުވަހު ޕީޖީ ރާއްޖެ ޓީވީކިޔާ ޓީވީ ޗެނަލެއްގެ މަޒާޖީ ޕްރޮގްރާމެއްގައި އޭސީސީގައި މިހާރު ކުރިއަށްދާ މައްސަލައާބެހޭ ގޮތުން ވާހަކަދައްކަން ކަމަށްވާތީ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"ރަސްމީ ހައިސިއްޔަތަކުންނޫން. މުސްތަގިއްލު ކަމަށް ޤާނޫނު އަސާސީ ބުނާ ޕްރޮސެކިއުޓަރ ޖެނެރަލްއަކަށް މަޒާޖީ ޕްރޮގްރާމްއަކަށް އަރާ މިހާރު ހިނގަމުންދާ މައްސަލައަކާބެހޭ ގޮތުން ވާހަކައެއް ނުދެއްކެވޭނެ. އެއީ އަން އެތިކަލް ކަމެއް،" މީކާއިލް ވިދާޅުވި އެވެ.

އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީ ނަގައިގެން ތިބެ އެ ޕްރޮސެކިއުޓަ ޖެނެރަލް މަޤާމުގައި ބަހައްޓައިގެން ކުރިއަށްދާން ލަދުގަންނަން ޖެހޭ ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.