ރޯދަ މަސް ނިމުމަކަށް އަންނައިރު، ދުނިޔޭގެ ހުރިހާ މުސްލިމުންގެ ހިތްތަކުގައި އުފެދޭ އެންމެ މުހިންމު ސުވާލަކީ އީދު ދުވަހަކަށް ވާނީ ކޮން ދުވަހެއްތޯ އެވެ. މިއަހަރުގެ ރޯދަ މަސް ނިމެން ދެ ދުވަހަކަށް ވެފައިވާއިރު، ފިތުރު އީދު ދުވަސް ދިމާވާނީ އަންނަ އާދީއްތަ ދުވަހުތޯ ނުވަތަ ހޯމަ ދުވަހުތޯ މިހާރު ވަނީ ސުވާލު ކުރަން ފަށައިފަ އެވެ. އެ ސުވާލަށް ދީނީ ގޮތުންނާއި ސައިންޓިފިކް ގޮތުން އެކަށޭނަ ފަރާތްތަކުން އަންނަނީ ޖަވާބު ދެމުންނެވެ.
އެމިރޭޓްސްގެ އެސްޓްރޮނޮމީ ސޮސައިޓީގެ ޗެއާމަނާ ހަވާލާދީ ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަރަބި ދުނިޔެއާއި އެހެނިހެން އިސްލާމީ ގައުމުތަކަށް ރޯދަ މަހުގެ 29 ވަނަ ދުވަހު ޝައްވާލް މަހުގެ ހުޅެވި ހަނދު ފެނުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެހެން ކަމުން އިސްލާމީ ގަމުތަކަށް މިއަހަރުގެ ފިތުރު އީދު ދުވަހަށްވުމާ ގާތީ 31 މާޗް ވާ ހޯމަ ދުވަހެވެ. ދިވެހި ރާއްޖޭގައި ވެސް ރަސްމީ ގޮތުން އަނދާޒާކޮށް ކަލަންޑަރުގައި ވެސް އީދު ދުވަހުގެ ގޮތުގައި ހިމަނާފައި ވަނީ ހޯމަ ދުވަހެވެ.
29 ވާ ހޮނިހިރު ދުވަހު އިރު އޮއްސޭއިރު ބައެއް ގައުމުތަކަށް ހަނދު ހުންނާނެ ގޮތް
- ސައޫދީ އަރަބިޔާ
ސައޫދީ އަރަބިޔާ އަށް ހޮނިހިރު ދުވަހު އިރު އޮއްސޭނީ 6.25 ގަ އެވެ. އޭރު ހަނދު ހުންނާނީ ގާތްގަނޑަކަށް ދެ ޑިގްރީ ވަރަށް ފެނުން މަތީގަ އެވެ. އެއީ ހަމަ ލޮލަށް ހަނދު ފެންނާނެ މިންވަރެއް ކަމަށް ނުބެލެވެ އެވެ.
- ޔޫއޭއީ
ޔުނައިޓެޑް އަރަބި އެމިރޭޓސްއަށް މިއަދުގެ އިރު އޮއްސޭނީ 6.39 ގަ އެވެ. އެ ގަޑީގައި އިރާއި ހަނދާ ހުންނާނީ އެއް ހިސާބެއްގަ އެވެ. އެހެން ކަމުން ހަނދު ފެނުމަކީ މުސްތަހީލު ކަމެއް ކަމަށް ބެލެވެ އެވެ.
- މިސްރު:
މިސްރަށް މިއަދުގެ އިރު އޮއްސޭނީ 6.08 ގަ އެވެ. އޭރު ހަނދު ހުންނާނީ ގާތްގަނޑަކަށް އެއް ދަރަޖައިގެ މިންވަރަކަށެވެ. އެހެންކަމުން އެ މިންވަރަކީ ހަމަ ލޮލަށް ހަނދު ފެންނަން އެކަށޭނަ މިންވަރަކަށް ނުވެ އެވެ.
- ދިވެހިރާއްޖެ:
މާލެއަށް 6:18 ގައި އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނީ ގާތްގަނޑަކަށް ބައި ޑިގްރީގެ މިންވަރަށެވެ. އެއީ ހަނދު ފެނުން އެކަށީގެންވާ މިންވަރެއް ނޫނެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން އިސްލާމީ ގައުމުތަކަށް މިރޭ ހަނދު ފެނުމުގެ ފުރުސަތު ނެތުމާއެކު މި އަހަރުގެ ރޯދަ މަސް ނިމޭނީ 30 ރޯދަ ފުރިހަމަ ކުރުމަށް ފަހު ކަމަށް ބެލެވެ އެވެ. އީދު ދުވަހަކަށް ވުން ގާތީ މާޗް 31 ވާ ހޯމަ ދުވަހެވެ.