މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސައުދީއަރަބިއްޔާއަށް މިއަދު ފެނިއްޖެ ކަމަށް ދާދި ދެންމެއަކު އިއުލާންކޮށްފި އެވެ.
ސައުދީ އަރަބިއްޔާއަށް މިރޭ ހަނދު ފެނުމާއެކު، މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އެ ގައުމުން ވަނީ ކަނޑައަޅައިފަ އެވެ.
ޝައްވާލު މަހުގެ ހަނދު ފެނިފައިވާ ކަން ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިއުލާންކޮށްފަ އެވެ.
ސައުދީ އަރަބިއްޔާގައި ހަނދު ބެލުން އޮތީ ސުދައިރު އާއި ތުމައިރު އޮބްޒަވޭޓްރީގަ އެވެ. މި ދެ ތަނަށް ވެސް ހަނދު މިރޭ ފެނުނު ކަމަށް ސައުދީގެ އޮފިޝަލުން ވިދާޅުވި އެވެ.
އެތަނުން ހަނދު ފެނުނުކަން ސާބިތުކޮށްދިނުމާއެކު މިއަދަކީ މިއަހަރު ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށާއި އަދި މާދަމާއަކީ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށް ސައުދީގެ ރޯޔަލް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ސައުދީ ރަސްމީ ނޫސް އެޖެންސީން ބުންޏެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ޖަލްސާ މިހާރު ކުރިޔަށް އެބަގެންދެ އެވެ.
ހަނދު ސާބިތު ކުރުމަށް ބާއްވާ ޖަލްސާ ކުރިޔަށް ގެންދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ.
މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.