ސޯމާލިއާގެ އިލްމުވެރިއެއް ކަމަށްވާ ސައީދު އަލް މޮގަދިޝޫއަކީ މަދީނާއިން ތައުލީމު ހާސިލުކުރެއްވި އިލްމުވެރިއެކެވެ. އޭގެފަހުން ޗައިނާއަށް ވަޑައިގެން ޗައިނާ ބަސް ދަސްކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެން ޗައިނާ ބަހުން އެފްރިކާ ބަހަށް ފޮތްތައް ތަރުޖަމާ ކުރެއްވި އެވެ. ޗައިނާ ބަހުން އެފްރިކާ ބަހަށް އެންމެ ފުރަތަމަ ކުރެވުނު ތަރުޖަމާއަކީ އެއީ އެވެ. އެއީ ސޯމާލިއާ އަކީ އިސްލާމީ ދުނިޔޭގެ އެންމެ މުހިންމު އެއް ގައުމުގެ ގޮތުގައި އޮތް ދުވަސްވަރެވެ. އެ ދުވަސްވަރު އެއީ އަޖޫރަން އެޕްޕަޔަރެވެ. އެ ވެރިކަމުގެ ދުވަސްވަރަކީ 13 ވަނަ ގަރުނާއި 17 ވަނަ ގަރުނާ ދެމެދެވެ.

ސައީދުގެ ވާހަކަ އިންޓަނެޓްގައި ގެނެސްފައި އޮތްއިރު އޭނާގެ އަޚު އަޒީޒުގެ ވާހަކަ ވެސް އޮތެވެ. އަޒީޒާ ބެހޭ ގޮތުން އޮތް ޚާއްސަ ވާހަކައަކީ އޭނާ ދިވެހި ރާއްޖޭގެ ވެރިކަން ކުރި ވާހަކަ އެވެ. އެ ހިސާބުން އަޒީޒާ ބެހޭ ގޮތުން އިތުރަށް ހޯދި ހޯދުމުން އެނގުނީ އަޒީޒަކީ ރާއްޖޭގެ ރަށެއްގެ ކަތީބުކަން ކުރި މީހެއް ކަމުގަ އެވެ.

މަޣުރިބު ކަރައިގެ ދަތުރުވެރިއެއް ކަމަށްވާ އިބުނު ބަތޫތާ ރާއްޖެއަށް ދެވަނައަށް ކުރި ދަތުރުގައި އޭނާ ވަނީ މި ދަންނަވާ އަޒީޒާ ބައްދަލުވެފަ އެވެ. ބަތޫތާ ލިޔެފައިވާ ގޮތުގައި އެ ދަތުރުގައި އޭނާއަށް ފުރަތަމަ ދެވުނީ ރ. އަތޮޅު ކިނޮޅަހަށެވެ. އެ ރަށުން އޭނާއަށް މެހްމާންދާރީ އަދާކުރެއްވި ކަމަށް ލިއެފައި އޮތީ އެ ރަށުގެ ކަތީބު އަޒީޒު އަލް މަގުދަޝީ (މޮގަދިޝޫ) އެވެ. މިތާގައި މި އިޝާރަތް ކުރި އަޒީޒަކީ ސޯމާލިޔާގެ މޮގަދިޝޫ އަށް ނިސްބަތްވާ މީހެކެވެ. ނޭނގޭ ކަމަކީ ރާއްޖޭގެ ރަށެއްގެ ކަތީބު ކަމަށް އޭނާ ހުރި ހައިސިއްޔަތެވެ. އެކަމާ ބެހޭ ގޮތުން ބަތޫތާ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެހެން ނަމަވެސް އެނގޭކަމަކީ ކިނޮޅަހު ކަތީބު އަޒީޒަކީ ކާކުކަން ބަތޫތާއަށް އޮޅިފައި ނޯންނާނެ ކަމެވެ. ބަތޫތާ ވަނީ އަޒީޒުގެ ބޭބެ ސައީދާ ބަންގާޅުގެ މިސްކިތަކުން ބައްދަލުވެ ރައްޓެހިކަން އުފައްދާފަ އެވެ. އެޒަމާނަކީ ރާއްޖެއަށް ޒިޔާރަތްކުރާ ބޭރު މީސްމީހުނަށް ވަރަށް އިހުތިރާމްކޮށް އެމީހެއްގެ ފެންވަރުން އެ މީހަކަށް ވަޒީފާދީ އުޅުނު ދުވަސްވަރެކެވެ. ޚުދު އިބުނު ބަތޫތާއަކީ ވެސް އެ ގޮތަށް ރާއްޖެ ޒިޔާރަތްކޮށް ރާއްޖޭގެ އެންމެ އިސް ފަނޑިޔާރުކަން ކޮށްފައިވާ މީހެކެވެ.

ކިނޮޅަހު ކަތީބު، ސައީދު އަލް މޮގަދިޝޫ އާއި އިލްމުވެރިޔާ އަޒީޒު އަލް މޮގަދިޝޫގެ ވާހަކައާ ގުޅިގެން ހޯދި ބައެއް ހޯދުންތަކުން ފެނުނީ ރާއްޖެއިން އެފްރިކާގެ އައްސޭރިއަށް ހަމަލާދީ އިރުމަތީ އެފްރިކާގެ އައްސޭރި ފަށުން ބައެއް ހިފައިގެން އުޅުނު ދުވަސްވަރެއް ދިޔަކަމަށް އެފްރިކާގައި ތުންތުން މަތިން ދެކެވޭ ވާހަކައެކެވެ.

ވާހަކާގައި ކިޔާގޮތުން ކަނޑުމަގުން އައި ބަޔަކު އެފްރިކާގެ އައްސޭރިއަށް ހަމަލާދީ އެ ހިސާބު އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. އެ މީހުންނަކީ ގަލުން އިމާރާތްކުރުމާއި އޮޑި ދޯނިފަހަރު ބަނުމުގެ ހުނަރުވެރިކަން ހުރި ބައެކެވެ. އެ މީހުން އޮޑި ބަންނަ ގޮތް ކަމަށް ބަޔާންކޮށްފައި ހުންނަ ގޮތް އެންމެ ވައްތަރީ ދިވެހިން އިހު ޒަމާނުގައި އޮޑިދޯނި ފަހަރު ބަނދެ އުޅުނު ގޮތާ އެވެ. ރާއްޖޭގައި އޮޑި ބަނުމޭ ބުނެވޭ ބަސް އެގޮތަށް އައިސްފައި އޮންނަނީ އެވޭލާ ޒަމާނުގައި ރޯނުން އޮޑި ބަނދެ އުޅުނު އުޅުމަށް ނިސްބަތްކޮށެވެ. އިއްޔާއި މޮހޮރު ޖަހައިގެން އޮޑި ބަންނަން ފެށުމުގެ ކުރިން ދިވެހިން އޮޑި ބަނދެ އުޅުނީ ރޯނުންނެވެ. އިރުމަތީ އެފްރިކާގެ އައްސޭރި ފަށް ހިފައިގެން އުޅުނު މީހުންގެ ފަރާތުން އެ ހިސާބަށް ވާރުތަވެފައި ވަނީ ވެސް ރޯނުން އޮޑި ބަނުމުގެ ހުނަރެވެ. ވާހަކައިގައި އެ މީހުންނަށް ކިޔައި އުޅެނީ އޮޑިބާ ނުވަތަ އޮޑިބެ އެވެ. އެ ބަސް ވެސް ދިވެހި ބަހަކާ ވައްތަރެވެ.

ތާރީޚީ ގޮތުން ބަލާއިރު މި ވާހަކަތަކުގެ ސާބިތު ހެތްކެއް އަދި ލިބެން ނެތް ކަމަށް ވިޔަސް ވާހަކަ ކިޔާ ގޮތުންނާއި ވާހަކާގައި އުޅޭ ބޭނުންކުރާ ނަންތަކާއި އޮޑި ބަންނަ ގޮތުން އެއީ ދިވެހިން ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ. އެ ގަބޫލު ކުރުންތަކުގެ މައްޗަށް ބުރަވެވޭ ފަދަ އިތުރު ހެކިތަކެއް ފެންނަ ވަރަށް ދިރާސާ ކުރެވިއްޖެނަމަ ސޯމާލިޔާ ހިމެނޭހެން އިރުމަތީ އެފްރިކާގެ އައްސޭރި ފަށުގެ މައްޗަށް ދިވެހިންގެ ބާރު ފޯރި ޒަމާނެއް ދިޔަ ކަމަށް ވުން ގާތެވެ.