މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ސަރުކާރުގެ ހަކަތައިގެ ކުންފުނި ޕެޓްރޯނާސްގެ ގޭސް ހޮޅިއަކުން ގޭސް ލީކުވެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ސުބަންގް ޖާޔާގެ ޕުޓްރާ ހައިޓްސްގައި މިއަދު ހެނދުނު ހިނގި މި އަލިފާނުގެ ހާދިސާގައި 33 މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަނިޔާވި މީހުންގެ ތެރެއިން 6 މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެ ސަރަހައްދުގެ ބައެއް ގޭގޭގައި މީހުން ނުނުކުމެވި ބަންދުވެފައިވާ ކަމަށާއި އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސެލަންގޯ ކާރިސާ މެނޭޖްމަންޓް ކޮމިޓީން ބުނެ އެވެ.
ޕެޓްރޯނާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މައްސަލަ ޖެހުނު ހޮޅި ބަންދުކޮށްފައިވާ ކަމަށެވެ.
ސެލަންގޯ އަލިފާން ނިއްވާ ޑިޕާޓްމަންޓުން ބުނެފައިވަނީ އަލިފާނުގެ ސަބަބުން ގޭގެއަށް އަސަރުކޮށްފައިވާ ކަމަށެވެ.
މެލޭޝިއާގެ ނޫސްތަކުގައި ޝާއިއުކޮށްފައިވާ ފޮޓޯތަކާއި ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައިވާ ވީޑިއޯތަކުގައި ވަރަށް ބޮޑަށް ހުޅުފަޅައިގެން ގޮސް ބިޔަ އަލިފާންގަނޑެއް ފެންނެ އެވެ.
ޕުޗޮން ކައިރީގައި ގާތްގަނޑަކަށް 500 މީޓަރު ދިގު ހޮޅިއަކުން ލީކުވެގެން އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އަލިފާން ނިއްވާ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި އަލިފާން ރޯވަމުންދާ ހޮޅީގެ ވޭލްވް ޕެޓްރޯނާސްއިން ބަންދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އަލިފާން ނިއްވާ ޑިޕާޓްމަންޓުން ބުނެފައިވަނީ މީހުން ދިރިއުޅޭ ސަރަޙައްދުގައި އަލިފާން ފެތުރިފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.