ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ބާތިލުކޮށް، އެ މައްސަލަ ބަލައިގަންނަން ހައި ކޯޓުން ނިންމައިފި އެވެ.
މި މައްސަލަ ބެއްލެވީ ހައި ކޯޓުގެ ފަނޑިޔާރު ހުޒައިފާ މުހައްމަދު، ފަނޑިޔާރު މުހައްމަދު ޝަނީޒް ޢަބްދުﷲ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.
ތިން ފަނޑިޔާރުންގެ މަޖިލީހުން މި މައްސަލަ ބެލުމަށްފަހު، އޭގެ ތެރެއިން ދެ ފަނޑިޔާރުން ވަނީ މައްސަލަ ބަލައިގަތުމަށް ތާއީދުކުރައްވާފަ އެވެ. ފަނޑިޔާރު ދީބާނާޒް ފަހުމީ ވިދާޅުވެފައިވަނީ މައްސަލަ އަލުން ބެލުމަށް އެކަށީގެންވާ ޤާނޫނީ ސަބަބުތައް ހުރި ކަމަށެވެ. މި ރައުޔަށް ފަނޑިޔާރު ހުޒައިފާ މުޙައްމަދު ވެސް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.
އެހެންނަމަވެސް، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ވަނީ ތަފާތު ރައުޔެއް ފާޅުކުރައްވާފަ އެވެ. އެ ފަނޑިޔާރުގެ ނަޒަރުގައި، މި ބާވަތުގެ މައްސަލަތައް އިސްތިއުނާފަށް ހުށަހެޅުމުގެ ކުރިން ދަށު ކޯޓުގައި މުރާޖައާކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވަ އެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރުނީ ކްރިމިނަލް ކޯޓުންނެވެ. މިއީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެދުމުގެ މަތިން ނެރުނު އަމުރެކެވެ.
އަކްރަމްގެ ފަރާތުން ބުނެފައިވަނީ މި އަމުރަކީ ޝަރުއީ އުސޫލުތަކާ ހިލާފު އަމުރެއް ކަމަށެވެ. އަދި އޭނާ ވަނީ މި މައްސަލައިގައި އޭސީސީއަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ.