އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފި އެވެ.
މި ހާދިސާގައި ފިހުނު ފިރިހެން މީހާ އިއްޔެ ހެނދުނު އޭނާ އިންޑިއާއަށް ގެންދިޔައިރު އޭނާގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށްވެސް އާއިލާއިން ފާހަގަކޮށްފައިވެ އެވެ.
އޭނާގެ ހާލަތު ރަނގަޅުވަމުން އައުމާއެކު ވެންޓިލޭޓަރުން އިއްޔެ ވަނީ ނަގައިފަ އެވެ. ނަމަވެސް އިންޑިއާއަށް ފުރުވާލުމާ ހަމައަށް އޭނާއަށް ފަރުވާ ދެމުން ގެންގޮސްފައި ވަނީ އައިސީޔޫގަ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ކުރިން ކައިވެނިކޮށްގެން އުޅުނު ދެ މީހުންގެ ހަށިގަނޑުގަ އެވެ.
އެ ހާދިސާގައި އަނިޔާވި އަންހެން މީހާއަށް ވެންޓިލޭޓަރުގަައި ފަރުވާދެމުންދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ވަނީ ނިޔާވެފަ އެވެ. އަންހެން މީހާގެ ހަށިގަނޑުގެ 83 ޕަސެންޓް ފިހުނު ކަމަށާއި ފިރިހެން މީހާގެ ހަށިގަނޑުގެ 78 ޕަސެންޓް ފިހިފައިވާ ކަމަށް ބުނެ އެވެ.
މި ދެ މީހުންނަށް ފަރުވާ ދިނުމުގައި އެހީތެރިވުމަށް މިދިޔަ މަހުގެ ފަހުކޮޅު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ. ޝައިލާޝް ވީ ރަނާދު ރާއްޖެ ވަޑައިގެންނެވި އެވެ.