ގައުމީ އެއާލައިން، މޯލްޑިވިއަނަށް އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ އައިލެންޑް އޭވިއޭޝަނުން ގެޒެޓް ކުރި އިއުލާނެއްގައި ބުނީ، ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެއާބަސް އޭ 330-200 މަރުކާގެ މަތިންދާބޯޓެއް ހޯދަން ބޭނުންވާ ކަމަށެވެ.
މި އިއުލާނުގައި ބުނެފައިވާގޮތުގައި މަތިންދާބޯޓުގައި ބިޒްނަސް އަދި އިކޮނޮމީ ކްލާސް ހުންނަންވާނެ އެވެ. އަދި ބިޒްނަސް ކްލާހުގައި މަދުވެގެން 20 ސީޓު އިންނަންވާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
މަތިންދާބޯޓު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން ހުޅުވާލާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މޯލްޑިވިއަނަށް އެއާބަސް އެއް އިތުރުކުރުމަށް ނިންމިއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭ އެއާބަސް އޭ-330 އެއާކްރާފްޓެއް މޯލްޑިވިއަނުން ވަނީ ރާއްޖެއަށް ގެނެސްފަ އެވެ.
މޯލްޑިވިއަނަށް އިތުރު އެއާބަސްއެއް ގެނެސް މިއަހަރުގެ އޮކްޓޫބަރު މަހު އޭގެ ދަތުރުތައް ފެށޭނެ ކަމަށް މީގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.