ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމުގެ މަންމަ އަދި އެމްޑީޕީގެ އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފި އެވެ.

އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ބައިވެރިވުމަށްފަހު ގެއަށް ދިޔަ މަގުމަތީގައި ހެލްމެޓް އަޅައިގެން ސައިކަލުގައި ދިޔަ ބަޔަކު މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

މި މައްސަލަގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް 20އ. އެވެ.

މިއާއެކު ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ. ބަންދުގެ މުއްދަތު ހަމަވުމުން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކޯޓު އަމުރުގައިވާގޮތުން ރިޝްމާހު ދޫކޮށްލުމަށް ނިންމީ އޭނާގެ ތުހުމަތުކުރެވެނީ ޖިނާއީ ކުޑަ ކުށަކަށް ވާތީ ކަމަށާއި އޭނާ ބަންދުގައި ހުރި މުައްދަތުގައި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭން ޝަރުތު ކޮށްފައިވާތީ ކަމަށެވެ.

މިއާއިއެކު މަންދީގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމު ވަނީ މިކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

މި ޕޯސްޓްގައި މީކާއީލް ވިދާޅުވީ ސައިކަލު ދުއްވި މީހާ އާއި ފަހަތުގައި އިން މީހާ ސީސީޓީވީ ފުޓޭޖުން ސާފުކޮށް ފެންނަން ހުރި ކަމަށާއި އެއީ ކާކުކަން ފުލުހުންނަށް އެނގޭނެ ކަމަށެވެ.

އެހެން ނަމަވެސް، ސީދާ "ރިޔާސީ ގަނޑުވަރުން" އަންނަ ޕްރެޝަރުން ސަލާމަތްވާން ފުލުހުންނަށް އުދަނގޫ ކަމަށް މީކާއީލް ވަނީ ވިދާޅުވެފަ އެވެ.