ތުރުކީގައި ދިވެހި އެމްބަސީއެއް ރަސްމީކޮށް ހުޅުވައިފި އެވެ.
އެ އެމްބަސީގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ، އެމަބްސީގައި ބޭއްވި ޚާއްސަ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތަކާއެކު، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލާއި ތުރުކީގެ މިނިސްޓަ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުއްރަހީމެވެ.
ފޮރިން މިނިސްޓްރީން ބުނީ ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުވެގެން ދިއުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށާއި، ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލާ ޚިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެމްބަސީ ވެގެންދާނީ ދެ ގައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާކުރުމަށް އިތުރު ފުރުސަތުތައް ހޯދުމުގެ ޕްލެޓްފޯމަކަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއްގެ ގޮތުން ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އިގްތިސާދީ ކުރިއެރުމާއި، ދިވެހި ސަގާފަތް ކުރިއެރުވުމަށް އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ނުހަނު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް، ގާތުން ކޮންސިއުލާ ޚިދުމަތް ފޯރުކޮށްދިނުމުގައި ވެސް އެމްބަސީއެއް ހުރުން ވަރަށް މުހިންމު ކަމަށެވެ. މީގެ އިތުރުން، އެމްބަސީ އިފްތިތާހު ކުރުމުން ތުރުކީގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމުގެ މަސައްކަތްތައް ފުރިހަމަ ކަމާއެކީ ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.