ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ މަސައްކަތްތަކެއް ކުރުމަށް، ގިނަ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ނިންމައިފި އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އިމަޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ހިޔާ ޓަވަރު 1 އިން ފެށިގެން 8 އަށް އަދި ކާމިލް ދީދީ ސްކޫލުން މިއަދު ހެނދުނު 10:00 އިން 11:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.
މިއާއެކު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރު 1 އިން ފެށިގެން 10 އަށް އަދި އެމްޕީއެލް ޓަވަރުތަކާއި ސަލާހުއްދީން ސުކޫލުން މިއަދު މެންދުރުފަހު 1:00 އިން 2:00 އަށް ކަރަންޓު މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިގަޑިތައް މިގޮތަށް ހަމަޖައްސާފައި ވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ މިއީ އެކުންފުނީގެ ހިދުމަތް މެދުނުކެނޑި އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.
މީގެ އިތުރުން ވެސް ސްޓެލްކޯއިން ބުނީ، ހިޔާ ޓަވަރު ތަކުގައި އެ ކުންފުނިން ކުރަން ޖެހޭ މުހިންމު މަސައްކަތަކެއް ކުރުމަށް ތާވަލު ކުރެވިފައިވާތީ މިއަދު ހެނދުނު 9:15 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ހިޔާ ޓަވަރު 3 ގެ ކޮންމެ އެޕާޓްމަންޓަކުން ވެސް ގާތްގަނޑަކަށް 30 މިނިޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ މައްސަލަތައް ހައްލު ނުވެ ދިގުލައިގެން ގޮސް އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑަމުން ގެންދާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.