މަޖިލީހުގެ މިއަދުގެ ޖަލްސާ ކުއްލިއަކަށް ބާތިލުކޮށްލީ ޕީއެންސީއަށް މެންބަރުން ވެއްދުމުގައި ޞައްޙަނޫން ލިޔެކިޔުންތައް ބޭނުންކުރި މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު. އަލީ އިހުސާން ހާޒިރުކުރަން އެޖެންޑާ ކުރުމަށްފަހު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް ހާމަކުރެއްވި ގޮތުގައި، މަޖިލީހުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހަނާން ހުސައިން އިއްޔެ ރޭ ގުޅުއްވާފައި ވަނީ އިހުސާނާ ކުރައްވަން ބޭނުންފުޅުވާ ސުވާލު އަދިވެސް ކުރައްވަން ގަސްދުކުރައްވާތޯ ސާފުކުރެއްވުމަށެވެ.

މިއަދުގެ ޖަލްސާގައި އިހުސާން ހާޒިރުކުރެއްވުމަށް އެޖެންޑާ ކުރައްވާނެ ކަމަށް އަންގަވާފައިވާ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

ރޭގައި ޑީއެސްޖީ, ގުޅުއްވާފައި އެއްސެވީ އިހުސާން އާ ކޮށްފައި އޮތް ސުވާލު އަދިވެސް ކުރަން ބޭނުންހެއްޔޭ ވަރަށް ގިނަ ދުވަސްވެފައި އޮތީމާ، އަޅުގަނޑު ދެންނެވިން އާނ އެކޭ ބޭނުމޭ އެ ސުވާލު ކުރަން، ދެންނެވީމާ ވިދާޅުވީ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރާ ވާހަކަ،
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް

މެމްބަރު މީކާއިލް ވިދާޅުވީ، އޭގެ ފަހުން ގުޅުއްވާފައި މިއަދު ޖަލްސާ ނޯންނާނެ ވާހަކަ އެންގެވި ކަމަށެވެ.

މަޖިލީހުގެ އިދާރާއިން މިއަދުގެ ޖަލްސާ ނުބާއްވަން ނިންމެވި ސަބަބު އަދި ހާމަކޮށްފައެއް ނުވެ އެވެ. މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ކޮންމެ ހަފުތާއެއްގައިވެސް ތިން ޖަލްސާ ބާއްވަންޖެހެ އެވެ. އެހެންނަމަވެސް މި އުސޫލުން މަޖިލީހުގެ ޖަލްސާތައް ނުބާއްވާތީ މެމްބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.