ކުރިއަށް އޮތް ތަނުގައި އިއުލާނު ކުރެވޭ ހައުސިން ޕްރޮޖެކްޓުތަކުން ކައިވެނި ނުކުރާ ޒުވާނުންނަށް ވެސް ފްލެޓް ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ދެނޯ" ގެ ޔޫޓިއުބް ޗެނަލުން ގެނެސްދޭ "ސްޕޮޓް އޮން!" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބޭނުންތެރި ކަމެއް ކަމަކަށް ވާއިރު އެކަން ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިގޮތުން ރައީސް މުއިއްޒު ވިދާޅުވީ ދިރިއުޅޭނެ ތަނެއް ނެތުމުގެ ސަބަބުން ބައެއް ޒުވާނުންނަށް ކައިވެނި ނުކުރެވޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ހައުސިން ޕްރޮޖެކްޓްތައް ފެށުމުން ކައިވެނި ނުކޮށް ތިބޭ އަދި އަލަށް ކައިވެނި ކުރާ ޒުވާނުންނަށް ވެސް ފްލެޓް ލިބޭނެ ކަމަށެވެ.

"ކުރިއަށް އޮތްތާގައި ހައުސިން ޕްރޮޖެކްޓްތައް ފެށުނީމަ ޒުވާނުން ކުދިންނަށް، މެރީ ނުކޮށް ތިބޭ ކުދިންނަށްވެސް އަދި އަލަށް މެރީ ކުރާ ކުއްޖާއަކަށްވެސް ހާއްސަ ވާނެ، ފުރުސަތުތަކެއް ދޭނެ. ބައެއް ކުދިން ކައިވެނި ނުކުރެވޭ ތަނެއް ނެތިގެންވެސް. އެހެންވީމަ އެކި ކެޓަގަރީސްތަކެއް އެބަ އަންނަޖެހޭ," ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ޕޮޑްކާސްޓްގައި ބައިވެރިވެވަޑައިގެން ރައީސް މުއިއްޒު ވަނީ ޒުވާނުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާ ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށްވުމީ ދުރު ރާސްތާގެ ތަސައްވުރު ކަމަށް ވިދާޅުވެފަ އެވެ.