ވަޒީފާގެ މައިދާނަށް ނުކުތުމަކީ ހަނގުރާމައިގެ މައިދާނަކަށް ނުކުތުން ފަދަ ކަމެކެވެ. ބައެއް ފަހަރަށް ކާމިޔާބު ވެއެވެ. އަނެއް ބައި ފަހަރު ނާކާމިޔާބީއާ ކުރިމަތިލާން ޖެހެއެވެ. ހަނގުރާމައިގެ މައިދާނެކޭ އެއްގޮތަށް، ވަޒީފާގެ މައިދާނުގައި ވެސް ކޮމާންޑަރަކީ ނުވަތަ ލީޑަރަކީ ވަރަށް މުހިންމު މީހެެކެވެ. ގިނަ ފަހަރަށް ކާމިޔާބުވުމާއި ނުވުން، ބިނާ ވަނީ އޭނާގެ ޤާބިލުކަން ހުރި މިންވަރެއްގެ މައްޗަށެވެ. ކޮންމެ ކަހަލަ އޮފީހެއް ނުވަތަ މުއައްސަސާއެއް ނަމަވެސް، ވެރިމީހާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ އެންމެ ބޮޑު އެއް އުއްމީދަކަށް ވާނީ އެކުގައި މަސައްކަތް ކުރަން ލިބޭ ވެރިމީހާއަަކީ، ރަނގަޅު ވެރިއަކަށް ވުމެވެ. ގިނަ ފަހަރަށް މިކަން މިހެން ނުވުމުގެ ސަބަބުން، އޮފީސް ތެރޭގައި މައްސަލަތައް ހޫނުވެ، އެއް މުވައްޒަފަކު އަނެއް މުވައްޒަފަކާ ޖެހޭގޮތް މެދުވެރިވެއެވެ. ތިޔައީ އޮފީހުގެ ވެރިޔާ ނަމަ، ނުވަތަ ވެރިއަކަށް ވާން ހިތްއެދޭ މީހެއް ނަމަ، އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

އޮފީހެއްގެ ވެރިއެއްެގެ މަޤާމަށް ދާއިރު އެ އޮފީހަކާ ބެހޭ ފުރިހަމަ މައުލޫމާތު ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. އޮފީހުގެ އަމާޒަކީ ކޮބައިކަމާއި ތަސައްވުރަކީ ކޮބައިކަން ރަނގަޅަށް އެނގެން ޖެހޭނެއެވެ. ނޫން ނަމަ ލަދު ގަންނަން ޖެހޭ ފަދަ ހާލަތްތަކާ ކުރިމަތިލާން ޖެހިދާނެއެވެ. މަސައްކަތްކުރާ އޮފީހުގެ ވިޝަން އަދި މިޝަން ނުވަތަ ތަސައްވުރާއި އަމާޒަކީ އެނގުން ވަރަށް މުހިންމު ދެ ބައެވެ. ސަބަބަކީ އޮފީހެއް ހިންގުން ބިނާވާނީ، މި ދެ ބައިގެ މައްޗަށް ކަމުގައި ވާތީއެވެ. އަދި އޮފީސް ހިންގުމަށް ބޭނުންވާ އިތުރު މައުލޫމާތުތައް ހޯދައިފައި ބެހެއްޓުމަކީ، ކުރިމަތިވާ މައްސަލަތަކުން ސަލާމަތް ވުމަށް ވަރަށް މުހިންމު ކަމެކެވެ. އޮފީހުގައި މަސައްކަތްތައް ބަހާލައިފައި ހުންނަ ގޮތާއި ކުރީގައި އެކަން ކުރަމުން އައި ގޮތް ހޯދަން ވާނެއެވެ. އޮފީހުގައި ކަންކަން ހިނގާ ގޮތް ނޭނގޭ މީހެއްްގެ ލޭބަލް އަޅުވައިގެން، ވެރިއެއްގެ ގޮތުގައި ހުރުމަކީ ވަޒީފާއަށް ކުފޫ ހަމަވާކަމާ މެދު މީހުން ސުވާލު އުފައްދާނެ ކަމެއްކަން ދަންނާށެވެ. ކަންކަން ބަލައި އޮފީހުގެ އަމާޒާއި ތަސައްވުރަށް ވިސްނައިގެން، ކަންކަން ހާސިލުކުރަން މަަސައްކަތްކުރުމަކީ، ވެރިޔެއްގެ ހައިސިއްޔަތުން ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެކެވެ. މި ކަން ކުރުމުގައި އޮފީހުގެ ހުރިހައި މުވައްޒަފުން ބައިވެރިކޮށްގެން މަސައްކަތް ކުރުމަށް އިސްކަން ދޭށެވެ.

އޮފީހުގައި ދަށުން މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް، މަސައްކަތްތައް އިންސާފުވެރި ގޮތެއްގައި ބަހާލުމަކީ، ބައެއް ފަހަރަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި މަސައްކަތް ހަވާލުކުރުމުގައި، މި ހަވާލުކުރެވުނީ އެންމެ ރަނގަޅު މީހާއާ ކަން ކަށަވަރު ކުރުމަކީ، އަދި މާ އުނދަގޫ ކަމެކެވެ. އެހެންނަމަވެސް މަސައްކަތް ބަހާލުމުގައި އެ މުވައްޒަފެއްގެ ހައިސިއްޔަތާއި މަސްއޫލިއްޔަތާ ގުޅޭ ގޮތަށް މަސައްކަތްތައް ބަހާލުމަކީ، ވަރަށް މުހިންމު ކަމެކެވެ. ކިތަންމެ އުނދަގޫ، ގޮންޖެހުން ބޮޑު ކަމަކަށް މި ކަން ވީ ނަމަވެސް، މި ކަން ކުރުމުގައި ވިސްނުމުގެ ބޭނުން ވަރަށް ރަނގަޅަށް ކުރަން ޖެހެއެވެ. ނޫން ނަމަ މުވައްޒަފުންގެ މެދުގައި ތަފާތު ކުރާކަމަށް ހީވާން ފަށައިފާނެއެވެ. ނުވަތަ މުވައްޒަފެއްގެ ހައިސިއްޔަތާ ނުގުޅޭ މަސައްކަތެއް ހަވާލުކުރެވިއްޖެ ނަމަ، ތިމާގެ ގާބިލުކަމާ މެދު ސުވާލު އުފައްދަން ފަށާފާނެއެވެ. އޮފީސް ތެރޭގައި ތިމާގެ އަގު ހިފަހައްޓަން ބޭނުން ނަމަ، މި ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެއެވެ.

ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތެއް ރަނގަޅަށް އަންގައިދީފައި ބެހެއްޓުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ވަޒީފާއަށް ވައްދާ ހިސާބުން، ވަޒީފާގެ ބަޔާނުގައިވާ ކަންކަން ރަނގަޅަށް ކިޔައިދީ، ކުރަންވީ މަސައްކަތާއި ނުކުރަންވީ ކަންކަން ކިޔައިދީފައި ބެހެއްޓުމަކީ، އެ މުވަޒަފަކަށް ވެސް ބޭކާރު މުއާމަލާތްތައް ކުރަން ނުޖެހި ވަގުތު ސަލާމަތްވާނެ ކަމެކެވެ. ނުވަތަ "ތި ކަން ކުރަންޖެހޭ ކަމެއް ނޭނގެއޭ" ނޫނީ "ތީ ތިމަންނަގެ މަސައްކަތެއް ނޫނޭ"، "ތީ ތިމަންނަގެ މަސްއޫލިއްޔަތެއް ނޫނޭ" ބުނުމުގެ ޖާގައެއް އޭރަކުން ނޯންނާނެއެވެ.

ތިމާާއަކީ މަސައްކަތަށް ކިތަންމެ ގާބިލު މީހެއް ނަމަވެސް، އޮފީސް ތެރޭގައި މައްސަލަ ޖެހުމަކީ ހަމަ ވެދާނެ ކަމެކެވެ. މުވައްޒަފުންގެ މެދުގައި ވެސް މައްސަލަ ޖެހިދާނެއެވެ. ނުވަތަ ތިބާއާ މުވައްޒަފަކާ ދެމެދު ވެސް މައްސަލައެއް ޖެހިދާނެއެވެ. މުހިންމު ކަމަކީ މައްސަލަ ހައްލުކުރުމުގައި ތިމާ ގެންގުޅޭ ޙިކުމަތްތެރި ގޮތެވެ. މައްސަލަ ހައްލުކުރުމުގެ ތެރޭގައި އިތުރަށް މައްސަލަ ބޮޑުވިޔަދީގެން ނުވާނެއެވެ. އަދި ޖެހުނު މައްސަލައިގެ ވާހަކަ، އޮފީހުގެ އިތުރު އެހެން އެއްވެސް މުވައްޒަފެއްގެ ގާތުގައި ދައްކައިގެން ވެސް ނުވާނެއެވެ. ޚިޔާލެއް ހޯދުމުގެ ނިޔަތުގައި ވެސް، އެ ކަން ކޮށްގެން ނުވާނެއެވެ. އަބަދުވެސް ތިމާ ތީ، އޮފީހުގެ ވެރިޔާކަމާއި އޮފީހުގެ މުވައްޒަފުގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެކަން ހަނދާނުގައި ބަހައްޓަން ވާނެއެވެ. ނޫން ނަމަ ހިތްދަތި އެތައް ކަމަކާ ކުރިމަތިލާން ޖެހިދާނެއެވެ. ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި ވެސް، ވަރަށް ތަފާތު މީހުން އުޅޭނެއެވެ. ތިމާއަށް ހެޔޮ އެދޭ މީހުންނާއި ތިބާގެ މަޤާމަށް ދަހިވެތިވެ ފެންބޮވައިގެންފައިވާ މީހުން ވެސް ތިބޭނެއެވެ. އެހެންކަމުން ތިމާގެ ފަރާތުން ކުށެއް ހޯދުމަކީ، ބައެއް މުވައްޒަފުންގެ އަމާޒުކަމުގައި ވެސް ވެދާނެއެވެ. ވިސްނާށެވެ! މިއިން އެއްވެސް ކަމަށް ޖާގަދީގެން ނުވާނެއެވެ. އެއަށް ވުރެ ތިމާގެ ވިސްނުން ތޫނުވާން ވާނެއެވެ.

މަސައްކަތުގެ މާހައުލަކީ، ވަރަށް ތަފާތު ތަނެކެވެ. ތަފާތު އެތައް މާހައުލަކުން އެކި ކަހަލަ ވިސްނުމާއި އުޅުން ހުރި މީހުން އުޅޭނެ ތަނެކެވެ. ތިމާ ތީ އެ ހުރިހައި އެންމެންގެ މަސައްކަތާއި ކަންކަން ބެލުމާއި ހަވާލުވެ ހުރި އެންމެ އިސް މީހާއެވެ. ތިމާގެ މަސްއޫލިއްޔަތުގެ ބޮޑުކަން ހިތަށް ގެންނާށެވެ! ބައެއް ފަހަރު މަސައްކަތެއްނުކޮށް ނަން ހޯދަން މަސައްކަތްކުރާ މުވައްޒަފުންނާއި މަސައްކަތްކޮށް ނަން ނުލިބޭ މުވައްޒަފުން ވެސް ތި މާހައުލުގެ ތެރެއިން ފެންނާނެއެވެ. އަދި ބޭރުފުށުން ތިމާއަށް އެންމެ ހެޔޮ އެދޭ އެހެންނަމަވެސް އެތެރެފުށުން އެންމެ ރުޅިއަންނަ މީހުންނާ ވެސް ދިމާވާނެއެވެ. މި ފަދަ ކަންކަން ދެނެގަތުމަށް ވަގުތު ނަގާނެއެވެ. އެހެން ނަމަވެސް އެ ވަގުތުގެ ތެރޭގައި ވެސް ގޯހެއް ނުހަދައްޗެވެ. އިތުބާރު ކުރަންވާނެއެވެ. އެހެންނަމަވެސް ހައްދެއް އޮންނަން ވާނެއެވެ. ކުރާ އިތުބާރެއްގެ ސަބަބުން، ތިމާގެ އަބުރު ގެއްލުވާލަން ފުރުސަތަކަށް ވާ ފަދަ އިތުބާރެއް ކުރުމަކީ، އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

ތިމާއަކީ ތަނެއްގެ ވެރިއެއްކަމުގައި ވާ ނަމަ، މީހުންނަށް ހެޔޮ، ރަނގަޅު، ގާބިލު، އިންސާފުވެރި މީހެއްގެ ގޮތުގައި ދެމިހުންނާށެވެ! ކިޔެވި އެއްޗެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ނިޔަތް ރަނގަޅުކުރާށެވެ! އެއްވެސް މީހަކަށް ދެރައެއް ދިނުމަށް މަސައްކަތް ނުކުރާށެވެ! އިންސާފުވެރިކަމާއި ޙިކުމަތްތެރިކަމާއެކު ކަންކަން ނިންމާށެވެ! ހެޔޮ މަގުގައި، ހެޔޮ ނިޔަތުގައި، މަސައްކަތްކުރާ މީހަކަށް ހެޔޮ ގޮތް މެދުވެރި ކުރައްވާނެއެވެ. ކުރާ މަސައްކަތުގައި ބަރަކާތްލައްވައި، ކުރިމަގު އުޖާލާކުރައްވާނެއެވެ. ގާބިލު ވެރިއަކަށް ވާން ހިތްއެދޭ ނަމަ، އަދި އެއްފަހަރު މި ކަންކަމާމެދު ފުންކޮށް ވިސްނައިލާށެވެ!